ENGLISH

16 އޮކްޓޯބަރު 2025

Advertisement

ކޮޅުވެއްޓި ބަންޑުންޖަހައިލައި ނިޔާވި ފަޅުވެރިޔާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

16 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

މިއަދު ފަތިހުގެ ވަގުތުގައި މާލެއިން ފުރައިގެން އެރިޔަދޫ ރިސޯޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ބަންޑުންޖަހައިލި ހާދިސާގައި ނިޔާވި މީހާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. 

އެކްސްގައި ޝާއިއުކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ކޮޅުވެއްޓިއެއް ބަންޑުންޖެހުމުގެ ހިތާމަވެރި ހާދިސާއެއް ހިނގައި، އެ ހާދިސާގައި އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވި ހަބަރު އަޑު އިވިވަޑައިގަތީ ފުން ހިތާމައާއެކު ކަމަށެވެ. 

އެއާއެކު ރައީސްވަނީ އެ ހާދިސާގައި ނިޔާވި މީހާއަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުން މިންވަރުކޮށްދެއްވުން އެދި ދުއާކުރެއްވުމާއެކު، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދުއާ ކުރައްވާފައެވެ. 

އަދި ކޮޅުވެއްޓީގައި ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ނުފެނިވާ ދެ މީހުން ހެޔޮ ހާލުގައި ތިއްބައި ފެނުމަށް އެދިވަޑައިގެން ދުއާކުރެއްވުމާއެކު، މިހާތަނަށް ސަލާމަތްވި މީހުންނަށް އެހާދިސާގެ ސަބަބުން ކުރިމަތިވި ސިއްހީ އަދި ނަފްސާނީ ދަތިތަކަށްވެސް އަވަހަށް ޝިފާ ލިބި، އާއްމު ހާލަތަކަށް އާދެވުމަށް އެދިވަޑައިގެން ދުއާ ކުރައްވާފައިވެއެވެ. 

އަދި މި ހާދިސާގައި ޝާމިލުވާ ހުރިހާ ފަޅުވެރިންގެ އާއިލާތަކަށްވެސް ކެތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގެން ދުއާކުރެއްވިއެވެ. އަދި ހުރިހާ ފަޅުވެރިންނަށް ދެެވެން އޮތް ހުރިހައި އަޅައިލުމަކާއި އެހީތެރިކަމެއް ސަރުކާރުން ދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

އޭގެ އިތުރަށް މިހާތަނަށް ނުފެނިވާ ދެ ފަޅުވެރިން ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ހުއްޓުމެއް ނެތި ފަރުވާތެރިކަމާއެކު ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

އަދި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މިފަދަ މޫސުން ގޯސް ހާލަތްތަކުގައި ކަމާ ބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް ފުރިހަމައަށް އިޖާބަދީ، ދަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ރައީސްވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. 

ކިޔުންތެރިންގެ ހިޔާލު