ENGLISH

16 އޮކްޓޯބަރު 2025

Advertisement

ރައީސް ދެއްވީ މާއުނގޫދޫގައި ހަ މަޝްރޫއެއް ފެށިގެން ކުރިއަށްދާނެކަމުގެ ޔަގީންކަން

16 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

މާއުނގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ށ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާއުނގޫދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގައި އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި އޮތް ހަ މަޝްރޫއެއްގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. 

ރައީސްގެ ޒިޔާރަތުގެ ތެރެއިން މިއަދު އެ މަޝްެރޫއުތައް އިފުތިތާހުކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ބާއްވަން ރާވާފައިވާ ރަސްމިއްޔާތުތައް މިއަދު ބޭއްވޭ ގޮތް ނުވެއެވެ. އެގޮތުން މާއުނގޫދޫގައި ފަށަން ނިންމާފައި އޮތް ހަ މަޝްރޫއަކީ: 

1- މާއުނގޫދޫ ކައުންސިލުގެ އިމާރާތް އެޅުން 

2- މާއުނގޫދޫ ސިއްހީ މަރުކަޒައަށް އިމާރާތެއް އިތުރުކުރުން 

3- މާއުނގޫދޫ ސްކޫލުގެ އައު އިމާރާތް 

4- ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ އިމާރާތް 

5- ފުލުހުންގެ މަރުކަޒުގެ އިމާރާތް 

6- ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު 

އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދު މޫސުން ތަންނުދިނުމުގެ ސަބަބުން ރަސްމީކޮށް ފަށައިނުގަނެވުނު ނަމަވެސް އެ ހުރިހާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހުރީ ހަމަަޖެހިފައި ކަމަށެވެ. އަދި ބާރު ދުވެލީގައި ހަލުއިކޮށް އެ މަޝްރޫއުތައް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ރައީސް ދެއްވިއެވެ. 

"މިއިން ކޮންމެ މަޝްރޫއެއްގެ ބަޖެޓު ހަމަޖެހި، މިއިން ކޮންމެ މަޝްރޫއެއް ހިންގުމަށް ވާންޖެހޭ ތައްޔާރީތައް ހަމަޖެހި އެކަންކަން އެގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ. 

މި މަޝްރޫއުތަކުގެ ތެރެއިން ހެލްތު ސެންޓަރުގެ އައު އިމާރާތާއެކު ގިނަ ހިދުމަތްތަކަށް މަގުފަހިވާނެ ކަމަށެވެ. އަދި އެ ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށްވެސް މަގުފަހިވާނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ދެން ހުރި މަޝްރޫއުތަކާއެކުވެސް ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. 

އެ ރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހަވާލުކުރި އަމިއްލަ ކުންފުންޏަށް މަޝްރޫއުގެ ދެބައިކުޅަ އެއްބައި ނިންމުމަށްފަހު، އިތުރަށް ކުރިއަށްނުގެންދެވެެމުން އެއްބަސްވުން ބާތިލުކޮށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެ ކުންފުނިން އެ މަސައްކަތް އަލުން ފަށައިގަނެ ކުރިއަށްގެންދާނެ ކަމަށެވެ. 

އަދި އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ރަށު ރައްޔިތުން އެދިފައިވާ ގޮތަށް މޫދަށް އެރޭ ސަރަހައްދެއްވެސް ތަރައްގީކުރެވިގެންދާނެ ކަމަށާއި، މި މަހުގެ ތެރޭގައި ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ހަވާލުކޮށް، މި އަހަރު ތެރޭ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. 

މި ދައުރުގެ ތެރޭގައި ހުރިހާ ރަށެއްގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަން ނިންމަވާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމުނުހައި އަވަހަކަށް މާއުނގޫދޫގެ މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު