ENGLISH

19 އޮކްޓޯބަރު 2025

Advertisement

ލިވަޕޫލް އެފްސީއާއި ރާއްޖެ ގުޅިގެން "ޕެނަލްޓީ ޓު ޕެރަޑައިސް"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް

06 އޮކްޓޯބަރު 2025

|

މުޙައްމަދު އަދުހަމް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) ގުޅިގެން "ޕެނަލްޓީ ޓު ޕެރަޑައިސް" ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ.

މިއީ ދުނިޔޭގެ އެންމެ މަޤުބޫލު އެއް ފުޓުބޯޅަ ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއަރ ލީގު މެދުވެރިކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ސަމާލުކަމާއި މަޤުބޫލުކަން އިތުރުކޮށް އިޝްތިހާރުކުރުމަށް ފެށި ކެމްޕޭނެކެވެ.

މި ކެމްޕޭން ކުރިއަށްގެންދާނީ ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ އެލްއެފްސީ މެމްބަރުންގެ މެދުގައި ބާއްވާ ޕެނަލްޓީ މުބާރާތެއްގެ ގޮތުގައެވެ. މި މުބާރާތުގެ ފައިނަލް ކޮންޓެސްޓަންޓަށް ދޭ އެންމެ އަގުހުރި އިނާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ދަތުރެކެވެ.

މި ކެމްޕޭނުގައި ބައިވެރިވުން އިތުރުކުރުމަށް މައިގަނޑު މުބާރާތުގެ އިތުރުން ސައިޑް ޗެލެންޖުތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އެ ޗެލެންޖުތަކުގައި ވެސް އިނާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރާއްޖެއާ ގުޅުންހުރި، ތަފާތު ތަޖުރިބާތައް ހިމެނޭނެ ކަންތައްތަކެވެ. މި ކެމްޕޭން ކުރިއަށްގެންދާނީ އޮކްޓޫބަރު 2025 ން ޖަނަވަރީ 2026 ގެ ނިޔަލަށެވެ.

މި ކެމްޕެއިންގެ ތެރެއިން އެލްއެފްސީގެ ކުޅުންތެރިންނާއި ބައްދަލުކޮށްލުމުގެ ފުރުސަތު ބައިވެރިންނަށް ހުޅުވާލުމަށް ނިންމާފައިވާއިރު، މި މުބާރާތުގެ "ބިހައިންޑް ދަ ސީން" އާއި އެހެނިހެން ގުޅުންހުރި ކޮންޓެންޓުތައް އެލްއެފްސީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނާއި، ވެބްސައިޓުން ފެންނާނެ އެވެ.

މި ކެމްޕޭނަކީ ކުޅިވަރުގެ ފޯރިއާ އެކު ރާއްޖޭގެ ތަފާތުކަމާއި، ރާއްޖެއާ ގުޅުންހުރި އެތައް ކަމެއް ބައިނަލްއަގުވާމީ ދުނިޔެއަށް ދައްކުވައިދިނުމަށް ކުރިއަށް ގެންދެވޭނެ މުހިންމު ކެމްޕޭނެކެވެ.

"ހާއްސަކޮށް މި ކެމްޕޭނާ އެކު އިނގިރޭސިވިލާތުގައި ތިބި އެލްއެފްސީގެ ފޭނުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިނގިރޭސިވިލާތުގެ މާކެޓް އިތުރަށް ފުޅާވެގެންދާނެ،" ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.

މި ކެމްޕޭނަކީ މާޗް 2025 ގައި ލިވަޕޫލް ފުޓުބޯޅަ ކްލަބާއެކު ރާއްޖެއިން ޤާއިމުކުރި ޕާޓްނާޝިޕްގެ ދަށުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތެކެވެ. އެލްއެފްސީއާއެކު ޕާޓްނާޝިޕް ގާއިމްކޮށްފައިވާ މި މުއްދަތުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިފަދަ އެތައް ކަމެއް ވިޒިޓް މޯލްވްސް ކޯޕަރޭޝަނުން ރާވައި ހިންގާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު