ENGLISH
03 އޮކްޓޯބަރު 2025
އެމްޑީޕީން ހިންގި ޚިޔާނަތް: މަހާޖައްރާފު މަރާމާތު ކުރުމުގެ ނަމުގައި ވެސް ބޮޑު ވައްކަމެއް
03 އޮކްޓޯބަރު 2025
|
އެމްޓީސީސީގެ މަހާޖައްރާފް
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކޮންނަބޯޓް، މަހާޖައްރާފު މަރާމާތު ކުރުމަށް އެތައް ގުނައެއް އިތުރަށް ފައިސާ ހަރަދުކޮށް އެމްޑީޕީގެ ސަރުކާރުން ހިންގި ޚިޔާނާތުތެ މައްސަލައެއްގެ ތަހުޤީޤު ހިންގައިދޭން އެ ކުންފުނިން އެދިއްޖެ އެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްޓީސީސީން މިރޭ ނެރުމު ބަޔާނެއްގައި ބުނެފައިވަނީ މަހާޖައްރާފަށް ލިބުނު ގެއްލުންތަކަކާއި ގުޅިގެން 2022 ވަނަ އަހަރު މަރާމާތަށް ދުބާއީ ޑޮކްޔާޑުން ޚިދުމަތް ހޯދީ އެކަށީގެންވާ އަގަށް ވުރެ އެތައް ގުނައެއް އިތުރަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ.
އަދި އެގޮތަށް އެ ޚަރަދުކޮށްފައިވާކަން ކުންފުނީގެ އިންޓާނަލް އޮޑިޓަށާއި ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެން ކަމުން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލާ ކުންފުނީގެ ޤަވާޢިދުތަކާއި އުސޫލުތަކާއި ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ތަޙުޤީޤުކޮށް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ.
އެ ކުންފުނިން ކުރީން ވަނީ ޙިއްސާދާރުންގެ ފައިސާއަށް އިޙްމާލުވެފައިވާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފަ އެވެ.
އެމްޓީސީސީ އަކީ ޙިއްސާދާރުންގެ ކުންފުންޏެއް ކަމަށާ ވޭތުވެދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓްތަކުގައި އެ ކުންފުނީގެ ޙިއްސާދާރުންގެ ފައިސާއަށް އިޙްމާލުވެފައިވާ ކަމަށް ފެންނާތީ އެކަން ޤަވާއިދުން ތަޙުޤީޤުކޮށް ދެއްވާ އިޙްމާލިވި މީހުންގެ ފަރާތުން މި ފައިސާ ޙިއްސާދާރުންނަށް ހޯދުމަށް އެދިފައިވާނެ ކަމަށް ބުންޏެވެ.
އަދި މިކަން ތަޙުޤީޤުކޮށް ޝަރީޢަތުގެ ކުރިމައްޗަށް ގެންނަން ޖެހޭ މީހުން ގެނައުމަށްޓަކައި ކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އެކަން ޙިއްސާދާރުންނަށް ޔަޤީންކޮށްދޭ ކަމަށް ވަނީ ބުނެފަ އެވެ.