ENGLISH

03 އޮކްޓޯބަރު 2025

Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: ފުރަތަމަ ސެގްމެންޓުގެ ޕްރީކާސްޓް ޕެނަލް ހަރުކޮށްފި

28 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން އެ މަގުން ހިއްކި ސަރަހައްދުގެ ޕްރީ ކާސްޓް ޕެނަލް ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ފުރަތަމަ ސެގްމެންޓުގެ ޕްރީކާސްޓް ޕެނަލް ހަރުކުރުމުގެ އިތުރުން ކީ ވޯލްގެ ކޮންކްރީޓް ކެޕިންގެ މަސައްކަތުގެ 33 އިންސައްތަ މިހާރު ވަނީ ނިމިފަ އެވެ. 

ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުން 830 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން 737 މީޓަރު ސަރަހައްދުގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.

މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރަނީ ރަސްމީ ފާލަން ހިމެނޭ ސަރަހައްދެވެ. އެ މަސައްކަތް އަމަލީގޮތުން ފެށީ އޮގަސްޓް 21 ވަނަ ދުވަހު އެވެ.

ޝީޓް ޕައިލިންގެ މަސައްކަތަކީ މަގު ހެދުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއް މަސައްކަތެވެ. 

އެ މަޝްރޫއުގެ ދަށުން ތާރުއަޅައި ސަބްބޭސް ތައްޔާރުކޮށް ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ. މުޅި މަގު ތަރައްގީކުރާނީ ހަތަރު ލޭން ހިމެނޭ ގޮތަށެވެ. 

މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އެ ސަރަހައްދު ބަންދުކުރީ އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި އެ ސަރަހައްދުގެ ފަޅު ވެސް ބަންދުވާނެއެވެ. 

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ތަރައްގީކުރެވުމުން، އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެއެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ޓްރެފިކް ތޮއްޖެހުން އިތުރުވެ، ދަތުރުފަތުރުކުރާ އުޅަނދުތަކަށާއި އާއްމުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވެއެވެ. އެހެންނަމަވެސް މަގު ތަރައްގީކުރުމާއެކު، އެ ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެއެވެ. 

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މާލޭގެ އެހެން މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު