ENGLISH

17 ސެޕްޓެމްބަރު 2025

Advertisement

ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެޑައިގަތުން

17 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފި. މިއަދު ހެނދުނު މީރުމާގައި ބޭއްވި މި ރަސްމިއްޔާތަށް ވަޑައިގަތުމުން އެ ކަމަނާއަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމް. މި ރަސްމިއްޔާތުގައި ރާއްޖޭގައި، ރަޖިސްޓްރީކޮށްގެން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނާއި އެތަންތަނަށް ހުއްދަދެވިފައިވާ ޞިއްޙީ ޚިދުމަތް ފަސޭހަކަމާއި އެކީ ބަލާލެވޭގޮތަށް ފަރުމާކުރެވިފައިވާ ލައިސެންސިންގ ސޮފްޓްވެއަރ، ހެލްތު އެސްޓަބްލިޝްމަންޓް މެނޭޖްމަންޓް ސިސްޓަމް ވަނީ އިފްތިތާޙްކުރައްވާފަ. މި ލައިސެންސިންގ ސޮފްޓްވެއަރ، އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު. މީގެ އިތުރުން ދިވެހިރާއްޖޭގައި ޖޭ.ސީ.އައި. ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ތަމްރީންކުރުމުގެ ޕްރޮގްރާމް ވެސް އެކަމަނާ ވަނީ އިފްތިތާޙްކޮށްދެއްވާފަ. މިއީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި، އޯގާތެރިކަމާއި ރައްކާތެރިކަންދެވޭކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް. މިއަދުގެ ރަސްމިއްޔާތުގައި، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ޝިއާރާއިގުޅޭ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ދިޔަ.

ކިޔުންތެރިންގެ ހިޔާލު