ENGLISH

03 ޖުލައި 2025

Advertisement

އެމެރިކާ އާއެކު ނިއުކްލިޔަރ މަޝްވަރާތައް އަލުން ފެށުމާމެދު ގޮތެއް ނިންމަން އީރާނަށް ވަގުތު ބޭނުންވޭ

02 ޖުލައި 2025

|

ހަސަން އާމިރު

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއެކު ކުރަމުން އައި މަޝްވަރާތައް އަންނަ ހަފްތާގެ ތެރޭގެ ފެށޭނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އުއްމީދުކުރައްވާކަން ހާމަކުރައްވާފައިވިޔަސް، މަޝްވަރާތައް އަލުން ފެށުމާމެދު ގޮތެއް ނިންމަން އަދި ވަގުތު ބޭނުންވާކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އާރާޤްޗީ ވިދާޅުވެއްޖެއެވެ.

އީރާނާއި އެމެރިކާއިން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މަޝްވަރާތައް ކުރަމުންދަނިކޮށް، އިޒްރޭލުން ވަނީ އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދަން މަސައްކަތް ކުރާ މަރުކަޒުތަކަށް ބޮން އަޅައިފައެވެ.

އޭގެ ރައްދުގައި، އީރާނުން ވެސް ވަނީ އިޒްރޭލުގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ވައިގެ ޙަމަލާތައްދީ، ބޮޑެތި ގެއްލުންތައް ދީފައެވެ.

އިޒްރޭލުން އީރާނަށް ޙަމަލާތައް ދެމުންދަނިކޮށް، އެމެރިކާއިން ވެސް ވަނީ އެ ކުރިމަތިލުންތަކުގެ ތެރެއަށް ވަދެ، އެމެރިކާއިން، އީރާނުގެ ތިން ނިއުކްލިޔަރ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން ނިއުކްލިޔަރ މަރުކަޒަށް ބޮން އަޅައިފައެވެ.

އާރާޤްޗީ ވިދާޅުވީ، ޓްރަމްޕް އުއްމީދު ކުރައްވާ ހާ އަވަހަށް މަޝްވަރާތައް އަލުން ނުފެށޭނެ ކަމަށާއި، މަޝްވަރާތައް އަލުން ފެށުމުގެ ކުރިން، މުސްތަޤުބަލުގައި އީރާނަށް ޙަމަލާ ނުދޭނެކަމުގެ ޔަޤީންކަން ލިބެންޖެހޭ ކަމަށެވެ.

"މަޝްވަރާތައް އަލުން ފަށަން އެއްބަސްވުމުގެ ކުރިން، އަޅުގަނޑުމެންނަށް ޔަޤީންވާންޖެހޭ މަޝްވަރާތަކުގެ ތެރެއިން އެމެރިކާއިން އަނެއްކާވެސް އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު ނާޅާނެކަން،" އޭނާ ވިދާޅުވިއެވެ.

މިފަދަ ކަންކަމާމެދު ވިސްނުމަށް އީރާނަށް ވަގުތު ބޭނުންވާކަމަށާއި، ނަމަވެސް، މަޝްވަރާގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައިކަމަށް އާރާޤްޗީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު