ENGLISH
03 ޖުލައި 2025
ޣައްޒާގައި 60 ދުވަހަށް ޙަމަލާތައް ހުއްޓައިލުމުގެ ޝަރުތުތަކަށް އިޒްރޭލުން އެއްބަސްވެއްޖެ: ޓްރަމްޕް
02 ޖުލައި 2025
|
ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ލާއިންސާނީ ޢުދުވާނުތައް، 60 ދުވަހަށް މެދުކަނޑައިލުމުގެ ޝަރުތުތަކަށް އިޒްރޭލުން އެއްބަސްވެފައިވާކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޙަމަލާތައް މެދުކަނޑާލެވޭ މި މުއްދަތުގައި، ހުރިހާ ފަރާތްތަކާ ގުޅިގެން، ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރެވޭނެކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ސުލްޙަ ޤާއިމުކުރުމުގައި އެމެރިކާއާ އެކު މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޤަތަރާއި މިޞްރުން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ޙަމަލާތައް ހުއްޓައިލުމުގެ ހުށަހެޅުމެއް މިހާރު ވަނީ އެކުލަވައިލެވިފައެވެ.
"އަޅުގަނޑު އުއްމީދުކުރަނީ މި ހުށަހެޅުމަށް ޙަމާސްއިން ވެސް އެއްބަސްވާނެކަމަށް. ސަބަބަކީ މިއަށް ވުރެ ދެން ރަނގަޅެއް ނުވާނެ. ވިޔަސް ވާނީ އިތުރަށް ގޯސް،" ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތަށް ނުސީދާކޮށް އިންޒާރު ދެއްވައި ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މިހެން ވިދާޅުވިޔަސް، މި އާ ހުށަހެޅުމަށް އެއްބަސްވިކަމެއް އިޒްރޭލުން އަދި ރަސްމީކޮށް ބުނެފައެއް ނުވެއެވެ. އަދި މި ހުށަހެޅުމާ ގުޅޭގޮތުން ޙަމާސްއިން ވެސް އަދި އެއްޗެއް ނުބުނެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ޤައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އެމެރިކާގެ އިތުރުން ޤަތަރާއި މިޞްރުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.
އެ މަސައްކަތުގެ ތެރެއިން، މިދިޔަ މެއި މަހުގެ ފަހުކޮޅު، އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އިސްވެ ހުށަހަޅުއްވާ ހުށަހެޅުމުގައި، ޣައްޒާގައި ޙަމަލާތައް ބަދަލުކުރުން 60 ދުވަހަށް ހުއްޓައިލުމުގެ އިތުރުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 100 އެއްހާ އަސީރުން މިނިވަންކުރުން ހިމެނޭކަމަށް އެކި މަސްދަރުތަކުން ބުނެފައިވެއެވެ. އަދި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ 1،000 އަށް ވުރެ ގިނަ ޤައިދީން މިނިވަންކުރުން ވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.
ނަމަވެސް، އިޒްރޭލުން އެއްބަސްވީ ސީދާ މި ހުށަހެޅުމަށް ކަމެއް އަދި ސާފެއް ނުވެއެވެ.
ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 56,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.