ENGLISH
02 ޖުލައި 2025
ކޯޅުން އިތުރަށް ހޫނުވެ، އެމެރިކާ ދޫކޮށްދާން ޓްރަމްޕްގެ ނުސީދާ އިންޒާރެއް މަސްކް އަށް
01 ޖުލައި 2025
|
ރައީސް ޓްރަމްޕް އާއި އިލޮން މަސްކް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކް އާ ދެމެދު އުފެދިފައިވާ އަރައިރުން އިތުރަށް ހޫނުވެ، އެމެރިކާ ދޫކޮށް، އެނބުރި ދެކުނު އެފްރިކާއަށް ދިޔުމަށް މަސްކް އަށް ޓްރަމްޕް ނުސީދާ އިންޒާރެއް ދެއްވައިފިއެވެ.
އެމެރިކާގެ ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް އުފައްދާފައިވާ އިދާރާ ހިންގުމުގެ ޒިންމާ ޓްރަމްޕް ހަވާލުކުރައްވާފައި ހުންނެވި، މަސްކް އެ މަޤާމު ދޫކޮށްލެއްވީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
"ސަރުކާރުގެ ހާއްސަ މުވައްޒަފެއްގެ" ގޮތުގައި އޭނާއާ ޙަވާލުކޮށްފައިވަނީ ސަރުކާރު ހިންގުމުގެ ތެރެއިން ޚަރަދުތައް ކުޑަކޮށް، އިސްރާފުތައް މަދުކުރުމަށް އުފައްދާފައިވާ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިކަސީ (ޑޯޖް) ހިންގުމެވެ.
މަސްކް އެމެރިކާގެ ސަރުކާރުން ވަކިވާން ނިންމަވާފައި މިވަނީ، ސަރުކާރުގެ ޚަރަދާ ގުޅޭ ގާނޫނެއް ފާސްކުރި މައްސަލާގައި ޓްރަމްޕްއާ ޚިޔާލުތަފާތުވެފައިވަނިކޮށެވެ.
މަސްކް ޤަބޫލުކުރައްވާ ގޮތުގައި، އެ ޤާނޫނު އެކުލަވާލާފައިވަނީ، ޑޯޖްއިން ޚަރަދުތައް ކުޑަކޮށް، އިސްރާފުތައް ހުއްޓުވަން ކުރި މަސައްކަތްތަކުގެ ވެސް ބޭނުން ކެނޑޭ ގޮތަށެވެ.
އޭގެފަހުން މަސްކް ވަނީ އެކަމާ ގުޅުވައި، ޓްރަމްޕްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޓްރަމްޕް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ ކެމްޕޭނުގެ ތެރޭގައި ތާއީދުކުރައްވަން ނިންމެވިއިރުވެސް، އިލެކްޓްރިކް ކާރު (އީވީ) އާ ދެކޮޅުކަން މަސްކްއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
މިގޮތުން، އެންމެން އީވީ ގެންގުޅެން މަޖުބޫރުކުރުވަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އިޝާރާތް ކުރެއްވީ އިލެކްޓްރިކް ކާރު އުފައްދާ މަސްކްގެ ޓެސްލާ ކުންފުންޏަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، މަސްކް އަކީ އެމެރިކާގެ ތާރީޚުގައި ވެސް ދައުލަތުން އެންމެ ގިނައިން ސަބްސިޑީ ލިބޭ ފަރާތެވެ.
"...ސަބްސިޑީ ނުލިބޭނަމަ، ވިޔަފާރިތައް ބަންދުކޮށް އަނބުރާ ދެކުނު އެފްރިކާއަށް މަސްކް ދާންޖެހުން ވަރަށް ގާތް،" ޓްރަމްޕް ވިދާޅުވިއެވެ.
މިކަން ޑޯޖް އިން ރަނގަޅަށް ބަލަންޖެހޭ ކަމަށާއި އޭރުން ސަރުކާރަށް ވަރަށް ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.