ENGLISH

02 ޖުލައި 2025

Advertisement

އެއަރ އިންޑިޔާގެ ފްލައިޓަކުން ދުން ވަސް ދުވާތީ އަނބުރާ ޖައްސައިފި

29 ޖޫން 2025

|

ހަސަން އާމިރު

އިންޑިޔާގެ ޗެންނާއީއަށް ދަތުރުކުރި އެއަރ އިންޑިޔާގެ މަތިންދާބޯޓުގެ ތެރެއިން ދުންވަސް ދުވާތީ، އެމަރޖެންސީގައި އަނބުރާ ޖައްސައިފިއެވެ.

މިދިޔަ ހުކުރު ދުވަހު މުމްބާއީއިން ފުރައިގެން ޗެންނާއީއަށް ދަތުރުކުރި، އޭއައި 639 ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ފަސަންޖަރުންގެ ކެބިންއިން ދުންވަސް ދުވާތީ އަނބުރާ މުމްބާއީއަށް ޖައްސާފައިވާކަމަށް އެއަރ އިންޑިޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ފިޔަވަޅު އެޅީ އެ ބޯޓުން ދަތުރުކުރަމުންދިޔަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންކަމަށް ވެސް އެ އެއަރލައިނުން ބުންޏެވެ.

އަދި މުމްބާއީއަށް އަނބުރާ ޖައްސައި، އެހެން ފްލައިޓެއްގައި އެ ފަސަންޖަރުން ފުރުވާލާފައިވާކަމަށް ބުންޏެވެ. ނަމަވެސް، ދުމުގެ ވަސް ދުވަން މެދުވެރި ސަބަބެއް އެއަރލައިނުން ބުނެފައެއް ނުވެއެވެ.

އެއާ އިންޑިއާގެ ބޯޓަކަށް މި ހާދިސާ ދިމާވެފައި ވަނީ އިންޑިއާގެ އަހުމަދުއާބާދުން ލަންޑަނަށް ދާން ފުރި އެ އެއާލައިނުގެ ބޯޓަށް ވެއްޓިފައި ވަނިކޮށެވެ. ޖޫން 12 ގައި މެޑިކަލް ކޮލެޖެއްގެ ޑޮކްޓަރުންގެ ހޮސްޓެލް އަށް އެ ބޯޓު ވެއްޓުނު ހާދިސާގައި ވަނީ 270 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި ބޯޓުން ދަތުރުކުރި 241 މީހަކު ހިމެނެ އެވެ. ބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވީ އެންމެ މީހެކެވެ.

މީގެއިތުރުން ވެސް ފާއިތުވި ހަފްތާތަކުގައި އެއަރ އިންޑިޔާގެ މަތިންދާބޯޓުތަކުގައި ތަފާތު ހާދިސާތައް ހިނގާފައިވެއެވެ.

މިގޮތުން، ތަފާތު ތިން ފްލައިޓެއްގައި ފަސަންޖަރުންނަށް ސިއްޙީ މައްސަލަތައް ދިމާވެގެން އެމަޖެންސީގައި ޖައްސާފައިވާއިރު، ޖޫން މަހުގެ 22 ވަނަ ދުވަހު ވެސް އިނގިރޭސިވިލާތުން ނިއު ދިއްލީއަށް ދަތުރު ކުރި އެއަރ އިންޑިޔާގެ މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރާއެކު އެ މަތިންދާބޯޓު ވަނީ ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ޖައްސައިފައެވެ. ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެ މަތިންދާބޯޓަށް ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން މުމްބާއީއިން ބެންކޮކަށް ދަތުރުކުރުމަށް ތައްޔާރުވެފައި އޮތް ފްލައިޓެއްގެ ފިޔަގަނޑުގައި އެއްޗެއް ހަރުލާފާއި ހުރި ކަމަށް ފާހަގަވެގެން އެ ފްލައިޓު ނައްޓާލުން ލަސްކުރަންޖެހުނެވެ.

މި ހާދިސާތަކުގެ ސަބަބުން އިންޑިޔާގެ މަދަނީ އުދުހުންތަކާބެހޭ ކަންކަން ބަލަހައްޓައި އިދާރާ، ޑީޖީސީއޭއިން ވަނީ އެއަރ އިންޑިޔާގެ މަތިންދާބޯތަކުގެ ސަލާމަތީ ކަންކަން މުރާޖަޢާ ކުރުމަށް ޚާއްޞަ މަސައްކަތެއް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު