ENGLISH
02 ޖުލައި 2025
އަންނަ ހަފްތާގައި ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް ދެވޭނެކަމުގެ އިޝާރާތެއް
29 ޖޫން 2025
|
ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލުން ދެމުންދާ ލާއިންސާނީ ޢުދުވާނުތައް އަލުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ދެވޭނެކަމުގެ އިޝާރާތެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
މިދިޔަ ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ޓްރަމްޕް ވިދާޅުވީ، އިޒްރޭލާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އަލުން އެކުލަވައިލުމާ ވަރަށް ގާތަށް ދެވިފައިވާކަމަށް އެ މަޝްވަރާތަކުގައި އިސްކޮށް އުޅޭ ބޭފުޅުންގެ ފަރާތުން މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑަށް ހީވާ ގޮތުގައި އެކަމުގެ [އެއްބަސްވުމެއްގެ] ވަރަށް ގާތަށް ވަނީ ދެވިފައި. އަޅުގަނޑު މި ވާހަކަ ދެއްކީ އެކަމުގައި އުޅޭ ބައެއް ބޭފުޅުންނާ،" ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް، އެ މަޝްވަރާތައް ކުރެއްވި ބޭފުޅުންގެ ނަންތަކެއް އަދި އެކަމާބެހޭ އިތުރު ތަފްޞީލެއް ޓްރަމްޕް ދެއްވާފައެއް ނުވެއެވެ.
ޓްރަމްޕް މި ގޮތަށް ވިދާޅުވެފައިވަނީ، ޣައްޒާގައި ސުލްޙަ ޤާއިމުކުރުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ކުރަމުންދާ މަސައްކަތްތައް އެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރާ ޤައުމުތަކުން ވަރުގަދަކޮށްފައިވާ ކަމަށް، ޙަމާސްއިން މިދިޔަ ހަފްތާގައި ބުނެފައިވަނިކޮށެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ޤައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އެމެރިކާގެ އިތުރުން ޤަތަރާއި މިޞްރުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.
އެ މަސައްކަތުގެ ތެރެއިން، މިދިޔަ މެއި މަހުގެ ފަހުކޮޅު، އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އިސްވެ ހުށަހަޅުއްވާ ހުށަހެޅުމުގައި، ޣައްޒާގައި ޙަމަލާތައް ބަދަލުކުރުން 60 ދުވަހަށް ހުއްޓައިލުމުގެ އިތުރުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 100 އެއްހާ އަސީރުން މިނިވަންކުރުން ހިމެނޭކަމަށް އެކި މަސްދަރުތަކުން ބުނެފައިވެއެވެ. އަދި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ 1،000 އަށް ވުރެ ގިނަ ޤައިދީން މިނިވަންކުރުން ވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.
އެ ހުށަހެޅުމަށް އިޒްރޭލުން އެއްބަސްވި ކަމަށް ވައިޓް ހައުސްއިން ބުނެފައިވާއިރު، އެކަމަށް އެއްބަސްވާން ޙަމާސްއިން ވަނީ ދެކޮޅު ހަދައިފައެވެ.
މިގޮތުން، އެ ހުށަހެޅުމުގައި ޣައްޒާގެ ރައްޔިތުން ހައްޤުތައް ކަށަވަރުވާ ގޮތަށް، ޙަމާސްއިން ޝަރުތުކުރާ ކަންކަން ނުހިމެނޭ ކަމަށާއި، އިޒްރޭލުން ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައިގެން، އިޒްރޭލުން ހިންގަމުންދާ ޤަތުލުއާންމަށް ދާއިމީ ނިމުމެއް ގެނެވޭނެ އެއްވެސް މަގެއް ވެސް ނެތް ކަމަށް ޙަމާސްއިން އޭރު ބުނެފައިވެއެވެ.
ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 56,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.