ENGLISH

02 ޖުލައި 2025

Advertisement

ނިއުކްލިޔަރ ޤާބިލުކަން ހުއްޓުވަން، އީރާނަށް އަނެއްކާވެސް ޙަމަލާދޭން ތައްޔާރުކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

28 ޖޫން 2025

|

ހަސަން އާމިރު

ނިއުކްލިޔަރ ހަކަތަ އުފައްދަން، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް އިއާދަކޮށްފިނަމަ، އީރާނަށް އަނެއްކާވެސް ޙަމަލާދޭން ފަސްނުޖެހޭނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

އިޒްރޭލުން އީރާނަށް ޙަމަލާތައް ދެމުންދަނިކޮށް، އެމެރިކާއިން ވެސް ވަނީ އެ ކުރިމަތިލުންތަކުގެ ތެރެއަށް ވަދެ، އެމެރިކާއިން، އީރާނުގެ ތިން ނިއުކްލިޔަރ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން ނިއުކްލިޔަރ މަރުކަޒަށް ބޮން އަޅައިފައެވެ.

ނަމަވެސް، އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ވައިގެ ޙަމަލާތަކުން އެއްވެސް ކަމެއް ހާޞިލްނުވާކަމަށް، އީރާނުގެ ރޫޙާނީ ލީޑަރު، އާޔަތުﷲ އަލް ޚާމަނާއީ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅުވައި ނޫސްވެރިއަކު ސުވާލުކުރުމުން، ޓްރަމްޕް ވަނީ އެކަން ދޮގުކުރައްވައިފައެވެ.

އަދި ކަންބޮޑުވާ މިންވަރަށް ޔުރޭނިއަމް މުއްސަނދިކުރާނަމަ، އީރާނަށް އަނެއްކާވެސް ޙަމަލާދޭން ފަސްނުޖެހޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނާއި އިޒްރޭލާ ދެމެދު ޙަމަލާތައް ބަދަލުކުރަމުންދާތާ 12 ދުވަސް ފަހުން، ޙަމަލާތައް ބަދަލުކުރުން ހުއްޓައިލަން ދެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ވަނީ އެއްބަސްވެފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާގެ ރިޕޯޓަކާ ޙަވަލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެމެރިކާއިން ދިން ވައިގެ ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް އަލުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިގޮތުން، އެ ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ފަހަތަށް ޖައްސާލެވިފައިވަނީ އެންމެ ހަތަރު މަސް ދުވަހުގެ މަސައްކަތެވެ.

ނަމަވެސް، އެ ރިޕޯޓު ޤަބޫލުފުޅު ކުރައްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފައެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި، އެމެރިކާއިން ދިން ވައިގެ ޙަމަލާތަކުގައި، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ވަނީ އެކީގައި ސުންނާފަތިކޮށްލެވިފައެވެ.

އޭގެފަހުން ޓްރަމްޕްގެ ސަރުކާރުގެ އަސްކަރީ އަދި ދިފާޢީ ވެރިން ވެސް ވަނީ އެކަމުގެ ތާއީދުގައި ނުކުންނަވައި، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް، އެތައް އަހަރަކަށް ފަހަތަށް ޖައްސައިލެވުނުކަމަށް ވިދާޅުވެފައެވެ.

އިޒްރޭލާއި އެމެރިކާއިން އީރާނަށް އަނެއްކާވެސް ޙަމަލާދީފިނަމަ، އޭގެ ރައްދުގައި އިތުރު ޙަމަލާތައް ދޭނެކަމުގެ އިންޒާރު ވެސް ޚާމަނާއީ ވަނީ ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު