ENGLISH

02 ޖުލައި 2025

Advertisement

އެމެރިކާއިން އީރާނަށް ދިން ޙަމަލާތަކުން އެއްވެސް ކަމެއް ޙާޞިލެއް ނުވޭ: ޚާމަނާއީ

27 ޖޫން 2025

|

ހަސަން އާމިރު

އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދަން މަރުކަޒުތަކަށް އަމާޒުކޮށް ދިން ވައިގެ ޙަމަލާތަކުން އެއްވެސް ކަމެއް ހާޞިލްނުވާކަމަށް، އީރާނުގެ ރޫޙާނީ ލީޑަރު، އާޔަތުﷲ އަލް ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އިޒްރޭލުން އީރާނަށް ޙަމަލާތައް ދެމުންދަނިކޮށް، އެމެރިކާއިން ވެސް ވަނީ އެ ކުރިމަތިލުންތަކުގެ ތެރެއަށް ވަދެ، އެމެރިކާއިން، އީރާނުގެ ތިން ނިއުކްލިޔަރ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން ނިއުކްލިޔަރ މަރުކަޒަށް ބޮން އަޅައިފައެވެ.

އީރާނާއި އިޒްރޭލާ ދެމެދު ޙަމަލާތައް ބަދަލުކުރަމުންދާތާ 12 ދުވަސް ފަހަށް، ޙަމަލާތައް ބަދަލުކުރުން ހުއްޓައިލަން ދެ ފަރާތުން މިދިޔަ އަންގާރަ ދުވަހު އެއްބަސްވިފަހުން، ފުރަތަމަ ފަހަރަށް ޤައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން، ޚާމަނާއީ ވިދާޅުވީ، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމުގައި އެމެރިކާގެ ޙަމަލާތަކުން އެއްވެސް ކަމެއް ހާޞިލްވެފައިވާ ނުވާ ކަމަށެވެ.

އެއާ ޚިލާފަށް، ޤަތަރުގައި ހިންގާ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒަށް އީރާނުން ދިން ޙަމަލާތަކުން އެތަނަށް ބޮޑެތި ގެއްލުންތައް ދެވުނުކަމަށް ޚާމަނާއީ ވިދާޅުވިއެވެ.

ޚާމަނާއީ މިހެން ވިދާޅުވެފައިވަނީ، އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ދެވުނު ގެއްލުމާ ބެހޭގޮތުން އެމެރިކާގެ ސަރުކާރުގެ ތެރޭގައި ވެސް ޚިލާފުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާގެ ރިޕޯޓަކާ ޙަވަލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެމެރިކާއިން ދިން ވައިގެ ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް އަލުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިގޮތުން، އެ ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ފަހަތަށް ޖައްސާލެވިފައިވަނީ އެންމެ ހަތަރު މަސް ދުވަހުގެ މަސައްކަތެވެ.

ނަމަވެސް، އެ ރިޕޯޓު ޤަބޫލުފުޅު ކުރައްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފައެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި، އެމެރިކާއިން ދިން ވައިގެ ޙަމަލާތަކުގައި، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ވަނީ އެކީގައި ސުންނާފަތިކޮށްލެވިފައެވެ.

އޭގެފަހުން ޓްރަމްޕްގެ ސަރުކާރުގެ އަސްކަރީ އަދި ދިފާޢީ ވެރިން ވެސް ވަނީ އެކަމުގެ ތާއީދުގައި ނުކުންނަވައި، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް، އެތައް އަހަރަކަށް ފަހަތަށް ޖައްސައިލެވުނުކަމަށް ވިދާޅުވެފައެވެ.

އިޒްރޭލާއި އެމެރިކާއިން އީރާނަށް އަނެއްކާވެސް ޙަމަލާދީފިނަމަ، އޭގެ ރައްދުގައި އިތުރު ޙަމަލާތައް ދޭނެކަމުގެ އިންޒާރު ވެސް ޚާމަނާއީ ވަނީ ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު