ENGLISH

02 ޖުލައި 2025

Advertisement

ޖާސޫސީ ރިޕޯޓު ދޮގުކޮށް، ސީއައިއޭގެ ވެރިޔާ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް

26 ޖޫން 2025

|

ހަސަން އާމިރު

އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދަން މަސައްކަތް ކުރުމަށްދިޔަ މަރުކަޒުތަކަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ވައިގެ ޙަމަލާތަކުގައި، އެ ޕްރޮގްރާމް އަލުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ނުދެވޭކަމަށް، އެމެރިކާއިން އެއްކުރި ޖާސޫސީ މަޢުލޫމާތުތައް ދޮގުކުރައްވައި، އެ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތައް ދެވިފައިވާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭގެ ވެރިޔާ ވިދާޅުވެއްޖެއެވެ.

ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް ވިދާޅުވި ގޮތުގައި، އީރާނުގެ މައި ނިއުކްލިޔަރ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތައް ވަނީ ދެވިފައެވެ.

ނަމަވެސް، އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕްރޮގްރާމް އަލުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ދެވުނުކަމެއް އޭނާ ސީދާ ވިދާޅުވެފައެއް ނުވެއެވެ.

އިޒްރޭލުން އީރާނަށް ޙަމަލާތައް ދެމުންދަނިކޮށް، އެމެރިކާއިން ވެސް ވަނީ އެ ކުރިމަތިލުންތަކުގެ ތެރެއަށް ވަދެ، އެމެރިކާއިން، އީރާނުގެ ތިން ނިއުކްލިޔަރ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން ނިއުކްލިޔަރ މަރުކަޒަށް ބޮން އަޅައިފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާގެ ރިޕޯޓަކާ ޙަވަލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެމެރިކާއިން ދިން ވައިގެ ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް އަލުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިގޮތުން، އެ ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ފަހަތަށް ޖައްސާލެވިފައިވަނީ އެންމެ ހަތަރު މަސް ދުވަހުގެ މަސައްކަތެވެ.

ނަމަވެސް، އެ ރިޕޯޓު ޤަބޫލުފުޅު ކުރައްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފައެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި، އެމެރިކާއިން ދިން ވައިގެ ޙަމަލާތަކުގައި، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ވަނީ އެކީގައި ސުންނާފަތިކޮށްލެވިފައެވެ.

އަދި މީޑިއާތަކުން ދޮގު ޚަބަރު ފަތުރަމުންދާކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފައެވެ.

އީރާނާއި އިޒްރޭލާ ދެމެދު ޙަމަލާތައް ބަދަލުކުރަމުންދާތާ 12 ދުވަސް ފަހުން، ޙަމަލާތައް ބަދަލުކުރުން ހުއްޓައިލަން ދެ ފަރާތުން ވެސް މިހާރު ވަނީ އެއްބަސްވެފައެވެ.

ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވިކަން އިޢުލާނުކުރެއްވުމުގެ ކުޑަވަގުތުކޮޅެއް ކުރިން ވެސް އީރާނުން ވަނީ އިޒްރޭލަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ހަތަރު މީހަކު މަރުވިކަމަށް އިޒްރޭލުން ބުންޏެވެ.

މި އެއްބަސްވުމާ ހަމައަށް އާދެވިފައިވަނީ، އީރާނުން ޤަތަރުގައި އެމެރިކާގެ އަލް ޢުދައިދް ވައިގެ ބަނދަރަށް ވައިގެ ޙަމަލާތަކެއް ދީފައިވަނިކޮށެވެ.

ނަމަވެސް، އެ ޙަމަލާދީފައިވަނީ ދުރާލައި އެކަން އެންގުމަށްފަހު ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ސަލާމަތީ މަޖިލީހުން ބުނީ، މި ޙަމަލާ ދީފައިވަނީ، އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދަން ތިން މަރުކަޒަކަށް އެމެރިކާއިން ބޮން އެޅުމުގެ ރައްދުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު