ENGLISH

02 ޖުލައި 2025

Advertisement

ޣައްޒާގައި ޙަމަލާތައް އަލުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ މަސައްކަތް ވަރުގަދަކޮށްފި ކަމަށް ޙަމާސްއިން ބުނެފި

26 ޖޫން 2025

|

ހަސަން އާމިރު

ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލުން ދެމުންދާ ޢުދުވާނުތައް އަލުން ހުއްޓާލައި، ސުލްޙަ ޤާއިމުކުރުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ކުރަމުންދާ މަސައްކަތްތައް އެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރާ ޤައުމުތަކުން ވަރުގަދަކޮށްފައިވާ ކަމަށް، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނެފިއެވެ.

ޙަމާސްއިން މިހެން ބުނެފައިވަނީ، އިޒްރޭލާއި ޙަމާސްއާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވަނިކޮށެވެ.

އޭގެފަހުން، އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޙާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވެސް ވަނީ އިޒްރޭލާއި އީރާނާ ދެމެދު އެއްބަސްވުމެއް ޤާއިމުކުރުމާ ވަރަށް ގާތަށް ދެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

އޭގެފަހުން އިޒްރޭލުން ދަނީ ހުއްޓުމެއްނެތި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޙަމަލާތައް ދެމުންނެވެ. މިގޮތުން، އިއްޔެ ދިން ޙަމަލާތަކުގައި ވެސް ވަނީ އިތުރު 45 މީހަކު ޝަހީދުކޮށްލައިފައެވެ.

"އަޅުގަނޑަށް ހީވަނީ ޣައްޒާއާ ގުޅޭގޮތުން ބޮޑު ކުރިއެރުމެއް ލިބެމުންދާހެން، ހީވަނީ އަޅުގަނޑުމެން މި ދިން ޙަމަލާގެ ސަބަބުން ހެން،" އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދިޔަ ޙަމަލާތައް ބަދަލުކުރުމުގެ ތެރޭގައި، މިދިޔަ ހަފްތާ ބަންދުގައި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ދިން ވައިގެ ޙާމަލާތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ.

ޓްރަމްޕް އެހެން ވިދާޅުވިތާ ކުޑަވަގުތުކޮޅެއް ފަހުން، ޙަމާސްގެ އިސް އޮފިޝަލަކު ބީބީސީ ނޫހަށް ވިދާޅުވީ މެދުވެރިން އިސްވެ، "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އަމާޒުކޮށް ވަރުގަދައަށް މުޢާމަލާތްތައް ކުރަމުންދާ" ކަމަށެވެ.

ނަމަވެސް، ޙަމަލާތައް ހުއްޓައިލުމާ ގުޅޭ އާ ހުށަހެޅުމެއް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޤައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އެމެރިކާގެ އިތުރުން ޤަތަރާއި މިޞްރުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.

އެ މަސައްކަތުގެ ތެރެއިން، މިދިޔަ މެއި މަހުގެ ފަހުކޮޅު، ވިޓްކޮފް އިސްވެ ހުށަހަޅުއްވާ ހުށަހެޅުމުގައި، ޣައްޒާގައި ޙަމަލާތައް ބަދަލުކުރުން 60 ދުވަހަށް ހުއްޓައިލުމުގެ އިތުރުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 100 އެއްހާ އަސީރުން މިނިވަންކުރުން ހިމެނޭކަމަށް އެކި މަސްދަރުތަކުން ބުނެފައިވެއެވެ. އަދި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ 1،000 އަށް ވުރެ ގިނަ ޤައިދީން މިނިވަންކުރުން ވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

އެ ހުށަހެޅުމަށް އިޒްރޭލުން އެއްބަސްވި ކަމަށް ވައިޓް ހައުސްއިން ބުނެފައިވާއިރު، އެކަމަށް އެއްބަސްވާން ޙަމާސްއިން ވަނީ ދެކޮޅު ހަދައިފައެވެ.

މިގޮތުން، އެ ހުށަހެޅުމުގައި ޣައްޒާގެ ރައްޔިތުން ހައްޤުތައް ކަށަވަރުވާ ގޮތަށް، ޙަމާސްއިން ޝަރުތުކުރާ ކަންކަން ނުހިމެނޭ ކަމަށާއި، އިޒްރޭލުން ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައިގެން، އިޒްރޭލުން ހިންގަމުންދާ ޤަތުލުއާންމަށް ދާއިމީ ނިމުމެއް ގެނެވޭނެ އެއްވެސް މަގެއް ވެސް ނެތް ކަމަށް ޙަމާސްއިން އޭރު ބުނެފައިވެއެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 56,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު