ENGLISH
02 ޖުލައި 2025
ޙަމަލާތައް ހުއްޓައިލަން އީރާނާއި އިޒްރޭލުން އެއްބަސްވެއްޖެ
24 ޖޫން 2025
|
އީރާނާއި އިޒްރޭލުގެ ކުރިމަތިލުންތައް މެދުކަނޑާލައި، ޙަމަލާތައް ބަދަލުކުރުން ހުއްޓައިލަން ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވައިފިއެވެ.
އީރާނާއި އިޒްރޭލާ ދެމެދު ޙަމަލާތައް ބަދަލުކުރަމުންދާތާ 12 ދުވަސް ފަހުން، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް މިހާރު ޢަމަލުކުރަން ފަށާފައިވާ ކަމަށާއި، އެ އެއްބަސްވުމާ ޚިލާފުނުވުމަށް ޓްރަމްޕް ވަނީ ދެ ފަރާތަށް ވެސް އިލްތިމާސް ކުރައްވައިފައެވެ.
ޓްރަމްޕް ވިދާޅުވީ ގޮތުގައި، ކުރިއަށް އޮތް ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ވަނީ 24 ގަޑިއިރުގެ މުޙުލަތަކަށް ބަހައިލެވިފައެވެ. މިގޮތުން، އެންމެ ފުރަތަމަ އީރާނުން ޙަމަލާތައް ހުއްޓައިލުމުން، އޭގެ 12 ގަޑިއިރުފަހުން، އިޒްރޭލުން ވެސް އީރާނަށް ޙަމަލާދިނުން ހުއްޓައިލާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެ ކަމާ ގުޅޭގޮތުން އިޒްރޭލުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އީރާނުގެ ރަސްމީ ފަރާތަކުން ވަނީ އީރާނުން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެ ޤައުމުގެ ޚާރިޖީ ވަޒީރު ވަނީ ޔަހޫދީން ޙަމަލާދިނުން ހުއްޓައިނުލާހާ ހިނދަކު އީރާނުން ޙަމަލާދެމުން ދާނެ ކަމަށް ވިދާޅުވެފައެވެ.
ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވިކަން އިޢުލާނުކުރެއްވުމުގެ ކުޑަވަގިތުކޮޅެއް ކުރިން ވެސް އީރާނުން ވަނީ އިޒްރޭލަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ހަތަރު މީހަކު މަރުވިކަމަށް އިޒްރޭލުން ބުންޏެވެ.
މި އެއްބަސްވުމާ ހަމައަށް އާދެވިފައިވަނީ، އީރާނުން ޤަތަރުގައި އެމެރިކާގެ އަލް ޢުދައިދް ވައިގެ ބަނދަރަށް ވައިގެ ޙަމަލާތަކެއް ދީފައިވަނިކޮށެވެ.
ނަމަވެސް، އެ ޙަމަލާދީފައިވަނީ ދުރާލައި އެކަން އެންގުމަށްފަހު ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އީރާނުގެ ސަލާމަތީ މަޖިލީހުން ބުނީ، މި ޙަމަލާ ދީފައިވަނީ، އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދަން ތިން މަރުކަޒަކަށް އެމެރިކާއިން ބޮން އެޅުމުގެ ރައްދުގައި ކަމަށެވެ.
އީރާނުން ދިން މި ޙަމަލާއަކު މެދުއިރުމަތީގެ ގިނަ ޤައުމުތަކުން ވައިގެ ސަރަޙައްދު ބަންދުކުރުމުން، ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި، ގިނަ ފްލައިޓުތައް ޑިލޭވިއެވެ. ނަމަވެސް، މިއަދުގެ ފަތިހުގެ ވަގުތެއްގައި އެ ޤައުމުތަކުން ވަނީ އަލުން ވައިގެ ސަރަޙައްދު ހުޅުވާލައިފައެވެ.
އީރާނުގެ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލުކަން ހުއްޓުވަންކަމަށް ބުނެ، އިޒްރޭލުން އީރާނަށް ޙަމަލާތައް ދޭން ފަށާފައިވަނީ، ޖޫން 13 ވަނަ ދުވަހެވެ. އިޒްރޭލުން ދިން ޙަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް އީރާނުން ވަނީ ބުނެފައެވެ.
އެ ޙަމަލާތަކުގައި ރައްދުގައި އީރާނުން ވެސް ވަނީ އިޒްރޭލުގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އީރާނުން ދިން ޙަމަލާތަކުގައި މިހާތަނަށް 24 މީހަކު މަރުވެފައިވާކަމަށް އިޒްރޭލުން ބުނެފައިވެއެވެ.