ENGLISH
02 ޖުލައި 2025
ސުލްޙައަށް އެއްބަސްނުވާނަމަ އީރާނަށް އިތުރު ހަމަލާތައް ދޭނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
22 ޖޫން 2025
|
މެދުއިރުމަތީގައި ހަމަޖެހުން ނަގައިލަން އީރާނުން ހިންގަމުންދާ ޢަމަލުތައް ހުއްޓާލައި، ސުލްޙަ ޤާއިމުކުރަން އަވަހަށް އެއްބަސްނުވެއްޖެނަމަ، އީރާނަށް އިތުރު ޙަމަލާތައް ދޭނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ޓްރަމްޕް މި އިންޒާރު ދެއްވާފައިވަނީ، އިޒްރޭލާއި އީރާނުން ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން އެންމެ ފަހު ވަދެ، އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދަން މަސައްކަތް ކުރަމުންދާ މަރުކަޒުތަކަށް ބޮން އެޅުމަށްފަހު، ޤައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޓްރަމްޕް އޭގެކުރިން ވަނީ އީރާނުގެ ތިން ނިއުކްލިޔަރ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން ނިއުކްލިޔަރ މަރުކަޒަށް އެމެރިކާއިން ޙަމަލާ ދީފައިވާކަން އިޢުލާނު ކުރައްވައިފައެވެ.
ފޯރުދޯ މަރުކަޒަށް ޙަމަލާ ދިނުމަށް 14 ޓަނުގެ ޖީބީޔޫ-57 ބޮމުގެ ގިނަ ޢަދަދެއްގެ ބޮން އަޅާފައިވާ ކަމަށް ޓްރަމްޕް ސޯޝަލް މީޑިޔާގައި ވިދާޅުވިއެވެ.
އަދި ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމުގައި ބައިވެރިވި ހުރިހާ ޖެޓުތައް ރައްކާތެރިކަމާއެކު އީރާނުގެ ވައިގެ ސަރަޙައްދުން ނިކުމެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އޭގެފަހުން ޤައުމާ މުޚާތަބު ކުރައްވައި، ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގެ އަމާޒަކަށްވީ، އީރާނުގެ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން އެކީގައި ނެތިކޮށްލުމެވެ.
އެކަން ވަރަށް ކާމިޔާބު އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން ޙާޞިލް ކުރެވިއްޖެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އަދި މުޅި މެދުއިރުމަތީގެ ހަމަނުޖެހުން ނަގައިލަން މަސައްކަތް ކުރަމުންދިޔަ، އީރާނުން "މިހާރުން މިހާރަށް" ސުލްޙަ ޤާއިމުކުރަން އެއްބަސްނުވެއްޖަނަމަ، ކުރިއަށް ހުރި ޙަމަލާތައް "މާ ވަރުގަދަވެ، އަދި ފަސޭހަ" ވާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"ޙަމަލާތައް ދޭނެ އިތުރު ތަންތަން ހުރިކަން ހަނދާންކުރާތި،" އީރާނަށް އިތުރު ޙަމަލާތަކުގެ އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ.
އަދި ޓްރަމްޕް ވަނީ، އިޒްރޭލާ ގުޅިގެން އެމެރިކާއިން ހިންގާފައިވަނީ ތާރީޚީ އޮޕަރޭޝަނެއް ކަމަށް ސިފަކުރައްވައި، އީރާނަށް ޙަމަލާ ދިނުމުގައި އިޒްރޭލުން ކުރަމުންދާ މަސައްކަތަށް ތަޢުރީފު ވެސް ކުރައްވައިފައެވެ.
ނަމަވެސް، ސުލްޙަ ޤާއިމުކުރަން އީރާނުން ކުރަންޖެހޭކަމެއް ޓްރަމްޕް ސީދާ ވިދާޅުވެފައެއް ނުވެއެވެ.
ޖޫން 13 ވަނަ ދުވަހު، އިޒްރޭލުން އީރާނަށް ޢުދުވާނުތައް ދޭން ފަށާފައިވަނީ، އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާތައް ކުރަމުން ދަނިކޮށެވެ.
އެމެރިކާއިން އޭރު ވެސް ޝަރުތުކުރަމުންދިޔައީ، އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓައިލުމަށެވެ.
ނަމަވެސް، އެ ނިއުކްލިޔަރ ޕްރޮގްރާމަކީ، މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ހަކަތަ އުފެއްދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް އީރާނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އެމެރިކާއިން މި ޙަމަލާތައް ދީފައިވަނީ، އީރާނަށް އެމެރިކާއިން ވެސް ޙަމަލާތައް ދޭން ފެށުމާ ގުޅޭގޮތުން ޓްރަމްޕް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގޮތެއް ނިންމަވާނެކަމަށް ވައިޓް ހައުސްއިން ބުނެފައިވަނިކޮށެވެ.
އެމެރިކާގެ މި ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ލިބުނު ގެއްލުމުގެ ތަފްޞީލެއް އަދި ނުލިބެއެވެ.
ނަމަވެސް، އެމެރިކާއިން އީރާނަށް ޙަމަލާދީފިނަމަ، މެދުއިރުމަތީގެ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް، ރައްދުގައި ޙަމަލާދޭނެކަމުގެ އިންޒާރު އީރާނުން ވަނީ މީގެކުރިން ދީފައެވެ.