ENGLISH
02 ޖުލައި 2025
ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން އެންމެ ފަހު ވަދެއްޖެ، އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ބޮން އަޅައިފި
22 ޖޫން 2025
|
އިޒްރޭލާއި އީރާނުން ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް، އެމެރިކާއިން އެންމެ ފަހު ވަދެ، އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދަން މަސައްކަތް ކުރަމުންދާ މަރުކަޒުތަކަށް ބޮން އަޅައިފިއެވެ.
އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ތިން ނިއުކްލިޔަރ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން ނިއުކްލިޔަރ މަރުކަޒަށް އެމެރިކާއިން ޙަމަލާ ދީފައިވާކަން އިޢުލާނު ކުރައްވައިފައެވެ.
ފޯރުދޯ މަރުކަޒަށް ޙަމަލާ ދިނުމަށް 14 ޓަނުގެ ޖީބީޔޫ-57 ބޮމުގެ ގިނަ ޢަދަދެއްގެ ބޮން އަޅާފައިވާ ކަމަށް ޓްރަމްޕް ސޯޝަލް މީޑިޔާގައި ވިދާޅުވިއެވެ.
އަދި ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމުގައި ބައިވެރިވި ހުރިހާ ޖެޓުތައް ރައްކާތެރިކަމާއެކު އީރާނުގެ ވައިގެ ސަރަޙައްދުން ނިކުމެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއިން މި ޙަމަލާތައް ދީފައިވަނީ، އީރާނަށް އެމެރިކާއިން ވެސް ޙަމަލާތައް ދޭން ފެށުމާ ގުޅޭގޮތުން ޓްރަމްޕް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގޮތެއް ނިންމަވާނެކަމަށް ވައިޓް ހައުސްއިން ބުނެފައިވަނިކޮށެވެ.
އެމެރިކާގެ މި ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ލިބުނު ގެއްލުމުގެ ތަފްޞީލެއް އަދި ނުލިބެއެވެ.
ނަމަވެސް، އެމެރިކާއިން އީރާނަށް ޙަމަލާދީފިނަމަ، މެދުއިރުމަތީގެ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް، ރައްދުގައި ޙަމަލާދޭނެކަމުގެ އިންޒާރު އީރާނުން ވަނީ މީގެކުރިން ދީފައެވެ.
އެމެރިކާއިން އީރާނަށް ޙަމަލާދީފައިމިވަނީ، މަޝްވަރާގެ ތެރެއިން ސުލްޙަވެރި ޙައްލެއް ހޯދުމަށް ޓްރަމްޕް ގޮވާލައްވަމުން ގެންދަވަނިކޮށެވެ.