ENGLISH

01 ޖުލައި 2025

Advertisement

އިޒްރޭލުން ޙަމަލާތައް ހުއްޓާނުލާހާ ހިނދަކު ނިއުކްލިޔަރ މަޝްވަރާއަށް ފުރުޞަތެއް ނެތް: އީރާނު

21 ޖޫން 2025

|

ހަސަން އާމިރު

އިޒްރޭލުން ހުއްޓުމެއްނެތި އީރާނަށް ދެމުންދާ ޢުދުވާނުތައް ހުއްޓާނުލާހާ ހިނދަކު، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ ފުރުޞަތެއް ނެތް ކަމަށް އެ ޤައުމުން ބުނެފިއެވެ.

އީރާނުން މިހެން ބުނެފައިވަނީ، ދިގު ކުރިމަތިލުންތަކަކަށް ތައްޔާރުވުމަށް ޔަހޫދީންގެ ދީފާޢީ ވަޒީރު އިންޒާރު ދީފައިވަނިކޮށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އާރާޤްޗީ ވަނީ ޔޫރަޕުގެ ޚާރިޖީ ވަޒީރުންނާ ޖެނީވާގައި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުންތަކުގައި ޔޫރަޕުގެ ޚާރިޖީ ވަޒީރުން ވަނީ، އިޒްރޭލުން ޙަމަލާތައް ދޭން ފެށުމުގެ ކުރިން، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާ އެކު ކުރަމުން އައި މަޝްވަރާތައް އަލުން ފެށުމަށް އިލްތިމާސްކޮށްފައެވެ.

އޭގެ ޖަވާބުގައި، އާރާޤްޗީ ވަނީ، މަޝްވަރާއާ މެދު އީރާނުން ވިސްނާނީވެސް އިޒްރޭލުން ދެމުންދާ ޢުދުވާނުތައް ހުއްޓައިލުމުން ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމުގެ މަޤްޞަދަކީ މަދަނީ ބޭނުމަށް ނިއުކްލިޔަރ ހަކަތަ އުފެއްދުމެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލުން ޢުދުވާނުތައް ދޭން ފެށުމުން، އަމިއްލަ މިނިވަންކަން ދިފާޢުކުރުމުގައި އީރާނުން ފަސްނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާތައް ދެމުންދާނެކަމަށް އިޒްރޭލުން ދަނީ ބުނަމުންނެވެ. އަދި ޖޫން 13 ވަނަ ދުވަހު ދޭން ފެށި ޢުދުވާނުތަކުގައި އީރާނުގެ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލުކަމަށް ދެ އަހަރަށް ފަހަތަށް ޖައްސާލެވިފައިވާކަމަށް ވެސް ޔަހޫދީން ވަނީ ބުނެފައެވެ.

ދެ ފަރާތުން ވެސް އަދިވެސް ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންދާއިރު، އީރާނުން ވަނީ އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދީފައެވެ.

މި ހަމަނުޖެހުންތަކަށް މިހާރު އޮތް އެންމެ ބޮޑު ބިރަކީ، އިޒްރޭލާ ބައިވެރިވެގެން އެމެރިކާއިން ވެސް އީރާނަށް ޙަމަލާ ދޭން ފެށުމެވެ.

އީރާނަށް އެމެރިކާއިން ވެސް ޙަމަލާތައް ދޭން ފެށުމާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގޮތެއް ނިންމަވާނެކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.

މިގޮތުން، އީރާނާ އެކު މަޝްވަރާކޮށްގެން ޙައްލެއް ހޯދުމުގެ ފުރުޞަތު އަދި މުޅިން ބަންދުވެފައިނުވާތީ، އީރާނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފެށުމާމެދު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޓްރަމްޕް ގޮތެއް ނިންމަވާނެ ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އީރާނަށް ޙަމަލާ ދިނުމުގެ ޕްލޭނަށް، ޓްރަމްޕް މިހާރުވެސް ވަނީ ހުއްދަ ދެއްވައިފައެވެ. ނަމަވެސް، ޙަމަލާދޭން ނުފަށައި މަޑުކުރައްވަނީ، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އީރާނުން ދޫދޭނެތޯ ބައްލަވާށެވެ.

އެމެރިކާއިން މި ކުރިމަތިލުންތަކުގެ ތެރެއަށް ވަދެއްޖެނަމަ، ސަރަޙައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވާނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު