ENGLISH

02 ޖުލައި 2025

Advertisement

އީރާނަށް ޙަމަލާދިނުމާމެދު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޓްރަމްޕް ގޮތެއް ނިންމަވާނެ

20 ޖޫން 2025

|

ހަސަން އާމިރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އީރާނަށް އެމެރިކާއިން ވެސް ޙަމަލާތައް ދޭން ފެށުމާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގޮތެއް ނިންމަވާނެކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

ޓްރަމްޕްއާ ޙަވާލާ ދެއްވައި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް ވިދާޅުވީ، އީރާނާ އެކު މަޝްވަރާކޮށްގެން ޙައްލެއް ހޯދުމުގެ ފުރުޞަތު އަދި މުޅިން ބަންދުވެފައިނުވާތީ، އީރާނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފެށުމާމެދު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

ލެވިޓް ވިދާޅުވި ގޮތުގައި، ޓްރަމްޕް އަބަދުވެސް އިސްކުރައްވާފައިވަނީ ސުލްޙަވެރި މަޝްވަރާގެ އުޞޫލު ކަމަށެވެ. ނަމަވެސް، ބާރު ބޭނުންކުރަންޖެހޭ ޙާލަތްތަކުގައި ބާރުގެ ބޭނުންކުރައްވަން ޓްރަމްޕް ފަސްޖެހިވަޑައިނުގަންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނަށް އިޒްރޭލުން މިދިޔަ ހުކުރު ދުވަހު ދޭން ފެށި ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ބައެއް ވެރިން ޝަހީދުކޮށްލާފައިވެއެވެ. އަދި އެ ގައުމުގެ ނިއުކްލިއާ ސަައެންސްވެރިންތަކެއް ވެސް ޝަހީދުކޮށްލިއެވެ. އޭގެ ރައްދުގައި އީރާނުން ވެސް މިސައިލާއި ޑްރޯން ބޭނުންކޮށްގެން، އިޒްރޭލުގެ އެކި ސަރަޙައްދުތަކަށް ވަނީ ޙަމަލާދީ، ބޮޑެތި ގެއްލުންތައް ދީފައެވެ.

އިޒްރޭލުން އީރާނަށް ޙަމަލާތައް ދޭން ފަށަން އުޅޭކަމުގެ މަޢުލޫމާތެއް ދުރާލައި ލިބިފައިނުވާކަމަށް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ނަމަވެސް، އެކަން ޤަބޫލުކުރަން އީރާނުން ވަނީ ދެކޮޅު ހަދައިފައެވެ.

މަޝްވަރާގެ ތެރެއިން ޙައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން ވެސް، އިޒްރޭލާއި އީރާނުން ދަނީ ހުއްޓުމެއްނެތި ވަރުގަދައަށް ޙަމަލާތައް ބަދަލުކުރަމުންނެވެ.

މިގޮތުން، އިއްޔެ ވެސް އިޒްރޭލުން، އީރާނުގެ ނިޔުކްލިޔަރ ހަކަތަ އުފައްދާ ތަނަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައިވާއިރު، އީރާނުން ވަނީ އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދީފައެވެ. އީރާނުން އިއްޔެ އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ދިން ވައިގެ ޙަމަލާތަކުގައި، ކައިރީގައި ހުރި މައި ހޮސްޕިޓަލަކަށް ވެސް ވަނީ ގެއްލުންތައް ލިބިފައެވެ.

އެމެރިކާގެ އަސްކަރީ ބާރު މެދުއިރުމައްޗަށް ޖަމާކުރަން ފަށާފައިވަނިކޮށް، އެއްވެސް ޝަރުތަކާ ނުލައި، އީރާނުން ހަތިޔާރު ބަހައްޓައި، އަމާން ދިނުމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފައެވެ.

ނަމަވެސް، އިޒްރޭލުގެ ޢުދުވާނުތަކުން ދިފާޢުވުމުގައި ދެމިތިބޭނެކަމަށް ވިދާޅުވެ، އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ޓްރަމްޕްގެ އެ ހުށަހެޅުމަށް ރައްދު ދެއްވައިފައެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އީރާނަށް ޙަމަލާ ދިނުމުގެ ޕްލޭނަށް، ޓްރަމްޕް މިހާރުވެސް ވަނީ ހުއްދަ ދެއްވައިފައެވެ. ނަމަވެސް، ޙަމަލާދޭން ނުފަށައި މަޑުކުރައްވަނީ، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އީރާނުން ދޫދޭނެތޯ ބައްލަވާށެވެ.

ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އިޒްރޭލުގެ ޢުދުވާނުތަކާ ގުޅިގެން، އީރާނުން މިހާރު މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ.

ނަމަވެސް، އެކަން އީރާނުގެ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

އެމެރިކާއިން މި ކުރިމަތިލުންތަކުގެ ތެރެއަށް ވަދެއްޖެނަމަ، ސަރަޙައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވާނެކަމުގެ އިންޒާރު ޚާމަނާއީ ވަނީ ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު