ENGLISH

01 ޖުލައި 2025

Advertisement

އިސްރާއީލުން މީޑިޔާއަށް ހުރަސްއަޅަނީ؛ އީރާނުގެ ހަމަލާތަކުން ލިބެމުންދާ ގެއްލުން ހާމަވެދާނެތީ ބިރު ގަންނަނީ؟

20 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ވެއިޒްމެން އިންސްޓިޓޫޓް އޮފް ސައެންސްގެ އިމާރާތް ކައިރީ ޕްރޮފެސަރ ރޮއީ އޮޒޭރީ ނޫސްވެރިންނާ ވާހަކަދައްކަވަނީ، ފޮޓޯ: ރޮއިޓާަސް

އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ހަބަރުތައް ރިޕޯޓުކުރުމުގައި އެ ގައުމުގެ ނޫސްވެރިން ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ތައާރަފުކޮށް ހަބަރުތައް ރިޕޯޓުކުރެވޭ މިންވަރު ވަރަށް ބޮޑަށް ހަނިކޮށްފިއެވެ. 

އިސްރާއީލު އަސްކަރިއްޔާގެ ސެންސަރ ބްރިގޭޑިއާ ޖެނެރަލް ކޮބީ މެންޑެބްލިޓް ނެރުނު ސާކިއުލާއެއްގައި އީރާނުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގެ އަސަރުތަކާ ގުޅޭ ގޮތުން މީޑިޔާއާއި ނޫސްވެރިންނަށް ރިޕޯޓުކުރެވޭނެ ހަބަރުތަކާއި ރިޕޯޓުނުކުރެވޭނެ ހަބަރުތައް ހިމެނޭ ގޮތަށް އިރުޝާދުނާމާއެއް ހިއްސާކޮށްފިއެވެ. 

ސެންސަރުކުރުމަކީ އިސްރާއީލު އުފެދުމުގެ ކުރިންވެސް އިސްރާއީލު އެ އަސާސެއްގެ މައްޗަށް ބިނާކުރެވުނު އިނގިރޭސި އިސްތިއުމާރުގައި ގާއިމުކުރެވި ތަންފީޒުކުރެވެމުންއައި ސިޔާސަތެކެވެ. 1945 ވަނަ އަހަރު އިނގިރޭސިންގެ މެންޑޭޓް ފޯ ޕަލެސްޓައިންގައި ތަންފީޒުކުރަން ފެށި މީޑިޔާގެ މިނިވަންކަން ހަނިކުރުމުގެ އުސޫލުތައް އެގޮތުގައި އޭގެ ތިން އަހަރު ފަހުން ވުޖޫދުވި އިސްރާއީލުގައި ދަމަހައްޓާފައިވެއެވެ. 

އިސްރާއީލަކީ ހަމައެކަނި ނޫސްވެރިންނާއި މީޑިޔާއިން ހަބަރު ގެންނަ ގޮތަށް ނުފޫޒު ފޯރުވުމުގެ ތާރީހެއް އޮތް ގައުމެއް ނޫނެވެ. އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)އިން ރިޕޯޓުކުރި ގޮތުގައި އިސްރާއީލުންވަނީ 164 ނޫސްވެރިން ޣައްޒާގައި އޮކްޓޯބަރު 2023 އިން ފެށިގެން ފާއިތުވި މުއްދަތުގައި ގަތުލުކޮށްްފައެވެ. 

ނިމުނު އަހަރުގެ މޭ މަހުން ފެށިގެން އިސްރާއީލުގެ އެއްވެސް ސަރަހައްދެއްގައި އަލްޖަޒީރާއިން ހަރަކާތްތެރިވުން މަނާކޮށްފައިވެއެވެ. އަދި އިސްރާއީލުގެ ނޫހެއް ކަމުގައިވާ ހާރެޓްޒްއާ ދެކޮޅަށްވެސް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އިސްރާއީލުން އަޅާފައިވެއެވެ. 

އީރާނާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމައާ ގުޅިގެން އިސްރާއީލުން މީޑިޔާތަކަށް އަންގާފައިވާ އެންގުންތަކަށް ބަލާއިރު މި ހިފަހެއްޓުންތަކުގެ މަގުސަދަކީ އިސްރާއީލަށް ލިބޭ ގެއްލުން އެ ގައުމުގެ ގިނަ ބަޔަކަށް ނޭނގޭނެ ގޮތަށް ނޫސްވެރިން ލައްވައި ހަބަރުތައް ރިޕޯޓުކުރުވުމެވެ. 

އެގޮތުން އީރާނުގެ ހަމަލާތަކުގައި ގެއްލުން ލިބޭ ސަރަހައްދުތަކުގެ ފޮޓޯއާއި ވީޑިޔޯ ރިޕޯޓުކުރުން މަނާކުރުމާއެކު، ގެއްލުންވެފައިވާ ސަރަހައްދުތަކުގެ މަންޒަރުގެ ވީޑިޔޯ ނެގުމަށް ޑްރޯނު ބޭނުންކުރުންވެސް މަނާކޮށްފައިވެއެވެ. އަދި އިސްރާއީލުގެ މިސައިލުތައް ފޮނުވައިލާތަނާއި އީރާނުގެ މިސައިލުތަކަށް އިސްރާއީލުގެ ދިފާއީ ނިޒާމުން ހުރަސްއަޅާ މަންޒަރު ފެންނަ ފޮޓޯ ޝާއިއުކުރުންވެސް މަނާކޮށްފައިވެއެވެ. 

އޭގެ އިތުރަށް މީސްމީޑިޔާގައި ފެތުރެމުންދާ ވީޑިޔޯތައް ރަސްމީ މީޑިޔާއަކުން ބޭނުންކުރުމުގެ ކުރިން އެ ވީޑިޔޯއެއް އަސްކަރިއްޔާގެ ސެންސަރގެ އޮފީހާ ހިއްސާކޮށް ހުއްދަ ހޯދަންޖެހޭނެ ކަމުގައިވެސް އެ އޮފީހުން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ. 

މި ހިފަހެއްޓުންތަކަށް އަމަލުކުރަން ފަށާފައިވާއިރު ބަނދަރު ޝަހަރެއް ކަމުގައިވާ ހައިފާގެ ބަނދަރަށް އީރާނުގެ ހަމަލާތަކުން ލިބުނު ގެއްލުމުގެ ފޮޓޯ ނެގުމަށް މަސައްކަތްކުރި ފޮޓޯގުރަފަރެެއް އިސްރާއީލުން ހައްޔަރުކޮށްފައިވާކަމުގެ ރިޕޯޓުތައް ލިބިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު