ENGLISH
02 ޖުލައި 2025
މެދިއިރުމައްޗަށާއި ޔޫރަޕަށް އަސްކަރީ އުޅަނދުތައް ޖަމާކުރަން ފަށައި، އީރާނަށް ޙަމަލާދޭން އެމެރިކާއިން ތައްޔާރުވާކަމުގެ ބިރު ބޮޑުވެއްޖެ
18 ޖޫން 2025
|
އީރާނުން އިޒްރޭލަަށް ދިން ވައިގެ ހަމަލާއެއްގައި އިޒްރޭލުގެ ސަރަހައްދަކުން ދުން އަރަނީ. --ފޮޓޯ: ރޮއިޓާސް
ޔޫރަޕާއި މެދުއިރުމައްޗަށް އެމެރިކާއިން އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ޖަމާކުރަން ފަށާފައިވާތީ، އީރާނަށް ޙަމަލާދޭން ފަށަން ތައްޔާރުވަމުންދާކަމުގެ ބިރު ބޮޑުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ބީބީސީ ނޫހުން ބުނި ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާގެ ތެޔޮ އަޅާ މަތިންދާބޯޓުތައް ވަނީ ވިލާތުގެ ޤައުމުތަކަށް ފޮނުވަން ފަށާފައެވެ. އަދި، އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ނިމިޓްޒް މި ވަގުތު ދަނީ މެދުއިރުމައްޗާ ދިމާލަށް ދަތުރު ކުރަމުން ކަމަށެވެ.
ބީބީސީން ވާހަކަ ދެއްކި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، މިއީ އީރާނާ ދެކޮޅަށް އިޒްރޭލުން އިސްވެ ފަށާފައިވާ ޢުދުވާނުތަކުގައި ބައިވެރިވުމަށް އެމެރިކާއިން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެކެވެ.
މަތިންދާބޯޓުތަކުގެ ހަރަކާތްތައް މޮނިޓަރު ކުރާ ކުންފުނި، އެއަރނެވް ސިސްޓަމްސުން ބުނީ، އެމެރިކާގެ އަސްކަރިއްޔާގެ 31 ތެޔޮ އަޅާ މަތިންދާބޯޓު އެމެރިކާއިން ފުރާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޭސީ-113 އަދި ކޭސީ-46 މަރުކާގެ މަތިންދާބޯޓުތަކެވެ. އެއީ، އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ މަގުން ތެޔޮ އަޅައިދިނުމަށް ބޭނުން ކުރާ މަތިންދާބޯޓުތަކެވެ.
އެމެރިކާގެ އަސްކަރީ ބާރު މެދުއިރުމައްޗަށް ޖަމާކުރަން ފަށާފައިމިވަނީ، އެއްވެސް ޝަރުތަކާ ނުލައި، އީރާނުން ހަތިޔާރު ބަހައްޓައި، އަމާން ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވަނިކޮށެވެ.
ޓްރަމްޕް އިއްޔެ ވިދާޅުވި ގޮތުގައި، އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުކޮށްލުމަކީ "ވަރަށް ފަސޭހަ"ކަމެއް ކަމަށާއި، ނަމަވެސް، މި ވަގުތު އެކަން ކުރަން ބޭނުން ނުވާ ކަމަށެވެ. ޚާމަނާއީ ހިމާޔަތް ހޯއްދަވައިގެން މި ވަގުތު ހުންނެވި ސީދާ ތަން ވެސް އެނގިވަޑައިގަންނަވާކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
އީރާނަށް އިޒްރޭލުން މިދިޔަ ހުކުރު ދުވަހު ދޭން ފެށި ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ބައެއް ވެރިން ޝަހީދުކޮށްލާފައިވެއެވެ. އަދި އެ ގައުމުގެ ނިއުކްލިއާ ސަައެންސްވެރިންތަކެއް ވެސް ޝަހީދުކޮށްލިއެވެ. އޭގެ ރައްދުގައި އީރާނުން ވެސް މިސައިލާއި ޑްރޯން ބޭނުންކޮށްގެން، އިޒްރޭލުގެ އެކި ސަރަޙައްދުތަކަށް ވަނީ ޙަމަލާދީ، ބޮޑެތި ގެއްލުންތައް ދީފައެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ފަރާތުން ޙަމަލާތައް ބަދަލުކުރަމުންދާއިރު، އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް ޙަމަލާތައް ދެމުންދާ ކަމަށް ދެ ފަރާތުން ވެސް ވަނީ ތުހުމަތުކޮށްފައެވެ.
އީރާނަށް ދެމުންދާ ޙަމަލާތަކުގެ ތެރެއިން "މުޅި މެދުއިރުމަތީގެ މޫނުމަތި" ބަދަލުކޮށްލާނެކަމަށް އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ. އަދި އީރާނުގެ ސަރުކާރާއި އަސްކަރީ ވެރިން "ނެތިކޮށްލާނެ"ކަމުގެ އިންޒާރު ވެސް އޭނާ ދީފައިވެއެވެ.
އިޒްރޭލުން އީރާނަށް ޙަމަލާ ދޭން އުޅޭކަމުގެ މަޢުލޫމާތެއް ނުލިބޭކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިޔަސް، އީރާނާ ދެކޮޅަށް މި ޢުދުވާނުތައް ހިންގަނީ އެމެރިކާއާ ގުޅިގެން ކަމަށް ނަތަންޔާހޫ ވަނީ ފުރަތަމަ ފަހަރަށް އެއްބަސްވެފައެވެ.