ENGLISH

01 ޖުލައި 2025

Advertisement

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއި ހިޒްބުﷲއާ ކުރި ހަނގުރާމައިގެ އެއްގޮތް އަދި ތަފާތު ކަންކަން

15 ޖޫން 2025

|

ޝިފްޒާން އަޙްމަދު

އީރާނުގެ ވެރިކަމަށް ތާއީދުކުރާ ބައެއްގެ އެއްވުމެއްގެ ތެރެއިން، ނިއުޔޯކް ޓައިމްސް

ލުބުނާނުގެ ވެރިރަށް ބެއިރޫތާއި އެނޫންވެސް ބައެއް ސިޓީތަކުގެ އެޕާޓުމެންޓު ބިލްޑިންތަކާއި ބަންކަރުތަކާއި ދުއްވަމުންދިޔަ އުޅަނދުފަހަރަށް އަމާޒުކޮށް އިސްރާއީލުން ދެމުންދިޔަ ހަމަލާތަކުގައި ހިޒްބުﷲގެ އިސްވެރިން ޝަހީދުވަމުންދިޔައެވެ. 

އެލައިޓް ސްޕެޝަލް ފޯސަސްގެ ކޮމާންޑަރާއި ޑްރޯން ޔުނިޓުގެ ވެރިޔާއާި މިސައިލު ޔުނިޓުގެ ވެރިޔާއެވެ. ޖާސޫސީ ހަރަކާތްތަކުގެ ވެރިޔާއާއި ދެކުނުގެ ލަޝްކަރުގެ ކޮމާންޑަރެވެ. ހިޒްބުﷲގެ 15 އަށްވުރެ ގިނަ ކޮމާންޑަރުން އެ ހަމަލާތަކުގައި މަރައިލިއެވެ. 

ހުކުރުދުވަހުން ފެށިގެން މިއަދާ ހަމައަށް އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި ތަބާވަމުންދަނީ ހިޒްބުﷲއާ ދެކޮޅަށް ތަބާވީ އިސްތިރާޖީ މަގުޗާޓަށެވެ. އީރާނުގެ އަސްކަރީ ކޮމާންޑަރުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން މި ހަމަލާތަކުގައި މިހާރުވެސް އަވަހާރަކޮށްލައިފިއެވެ. 

ވޮޝިންޓަނުގައި ހުންނ ދަ މިޑްލް އީސްޓު އިންސްޓިޓޫޓުގެ ސީނިއާ ފެލޯ ރަންޑާ ސްލިމް ނިއުޔޯކް ޓައިމްސްއާ ވާހަކަދައްކަވަމުން ފާހަގަކުރެއްވި ގޮތުގައި އީރާނަށް ދެމުންދާ ހަމަލާތަކުގައި އިސްރާއީލުގެ އަމާޒަކީ ހިޒްބުﷲއަށް ދިން ފަދަ ގެއްލުންތަކެއް އީރާނުގެ އަސްކަރިއްޔާއަށް ދީ އެ ގައުމު އަސްކަރީ ގޮތުން ބަލިކަށިކޮށްލުމެވެ. 

ހޮނިހިރުދުވަހު އިސްރާއީލުންވަނީ ޔަމަނުގެ ޙޫޘީންގެ ލީޑަރުންގެ އެއްވުމަކަށް އަމާޒުކޮށް ހަމަލާއެއް ދީފައެވެ. އެ އެއްވުމުގައި ޙޫޘީންގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފުވެސް ބައިވެރިވެވަޑައިގެންނެވި ކަމުގައި އިސްރާއީލުގެ އަސްކަރިއްޔާގެ އޮފިޝަލުން ބުނެއެވެ. ޙޫޘީންގެ ލީޑަރުން ޝަހީދުކޮށްލާނެކަމަށް މި އަހަރުގެ މޭ މަހުގައި އިސްރާއީލުން އިންޒާރު ދީފައި އޮތެވެ. ނަމަވެސް ރޭ ޙޫޘީ ލީޑަރުންނަށް އަމާޒުކޮށް ދިން ހަމަލާގެ ނަތީޖާ އަދި ސާފުނުވެއެވެ. 

އެހެންނަމަވެސް ހިޒްބުﷲއާއި ޙޫޘީންނަކީ ދައުލަތްތަކެއް ނޫނެވެ. އެއީ ހަތިޔާރު އެޅި ޖަމާއަތްތަކެކެވެ. އެ ޖަމާއަތްތަކާ އީރާނު މުޅިން ތަފާތުވާނެއެވެ. 90 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އީރާނަކީ ދުނިޔޭގެ އެންމެ ބޮޑު 20 ލަޝްކަރުގެ ތެރޭގައި ހިމެނޭ، މިލިއަނެއްހައި ސިފައިންގެ މައްޗަށް އެކުލެވޭ އަސްކަރިއްޔާއެއް އޮންނަ ގައުމެކެވެ. 

އިސްރާއީލުގެ ހަމަލާތަކުގެ ރައްދުގައި ބެލިސްޓިކް މިސައިލުތައް ބޭނުންކޮށްގެން ހޮނިހިރު ވިލޭރެއާއި އާދީއްތަ ވިލޭރޭ ތަލްއަވީވުގެ މެދަށް ހަމަލާތައް ދިން ދިނުމުން އީރާނުން ސާބިތުކޮށްދިނީ އެ ގައުމަށް ހަމަލާދިނުމަކީ ހިޒްބުﷲއާއި ޙޫޘީންނާ ހަނގުރާމަކުރުމާ މުޅިން ތަފާތު ކަމެއް ކަމެވެ. 

އެހެންނަމަވެސް އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށް ބަލާއިރު ފެނުނީ އަމާޒުފަތްގަނޑުތަކަށް ވަރަށް ސީދާ ހަމަލާތަކެއް ދިން ތަނެވެ. މާނައަކީ ހިޒްބުﷲގެ ލީޑަރުން އަވަހާރަކޮށްލުމަށް ދިން ހަމަލާތަކާ އެއްގޮތަށް އީރާނަށް ދިން ހަމަލާތަކަކީ ދުރާލައި ރާވައިގެން ޖާސޫސީ މައުލޫމާތު އެއްކޮށްގެން ކަމެވެ. ހާއްސަކޮށް އީރާނުގެ ފަސްގަނޑުގައި ވަރަށް ފުޅާ ދާއިރާއެއްގައި އެހާމެ ފުނަށް ވާސިލުވެގެން ޖާސޫސްކޮށްފައިވާކަން ހަމަލާތައް ރާވައި ތަންފީޒުކުރި ގޮތުން އެނގެއެވެ. 

އިސްރާއީލަށް ފާޑުކިޔާަ ގިނަ ބަަޔަކު ދެކޭ ގޮތުގައި ހިޒްބުﷲއާ ދެކޮޅަށް ކުރި ހަނގުރާމައިގަ އެ ޖަމާއަތުގެ ލީޑަރުން އަވަަހާރަކޮށްލުމުގައި ލިބުނު ކާމިޔާބުގެ ސަބަބުން އިސްރާއީލުގެ ޒާތަށް އޮތް އިތުބާރު މުނާސަބު މިންވަރަށްވުރެ މައްޗަށް ގޮސްފައިވެއެވެ. އަދި އީރާނަށް ދިން ހަމަލާތަކާއެކު ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށުމުގެ ނުރައްކަލަށް ހުށަހެޅިގަތީ ދުރު ރާސްތާގައި ކުރިމަތިވެދާނެ ގެއްލުމަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްނުކޮށް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ. 

އެހެންނަމަވެސް އީރާނާ ދެކޮޅަށް އިސްރާއީލުން ބޭނުންކުރާ އިސްތިރާޖިއްޔާގެ އެންމެ ބޮޑު ތަފާތެއް ކަމުގައި ފެންނަނީ އީރާނުގެ ރޫހާނީ ލީޑަރު އަދި އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ އާޔަތުﷲ އަލީ ޚާމިނާއީއަށް އަމާޒުކޮށް ހަމަލާއެއް ދީފައި ނެތުމެވެ. ހިޒްބުﷲގެ ރޫހާނީ އަދި އަސްކަރީ ލީޑަރު ޝައިޚް ހަސަން ނަސްރުﷲއަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާގައި އޭނާ އަވަހާރަވުމަކީ އެ ޖަމާއަތަށް އިސްރާއީލުން ދިން އެންމެ ބޮޑު ގެއްލުންކަމަށްވާއިރު އީރާނުގައި ނަސްރުﷲގެ މަގާމުގައި ހުންނެވި ޚާމިނާއީ އަވަހާރަކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމުގެ އިޝާރާތެއް އިސްރާއީލު އަސްކަރިއްޔާގެ ބައެއް މަސްއޫލުވެރިން މީޑިޔާއަށް ދެއްވާފައިވެއެވެ. 

ހަމަލާތައް ފެށުމާއެކު އީރާނުންވަނީ ޚާމިނާއީ ރައްކާތެރި ތަނަކަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ ހުންނެވި ތަނުން އަސްކަރިއްޔާއާ ބަރާބަރަށް މުއާމަލާތްކުރައްވަމުންގެންދަވާކަމަށް އީރާނުގެ އަސްކަރިއްޔާގެ މަސްދަރުތަކުން ބައިނަލްއަގުވާމީ މީޑިޔާއަށް މައުލޫމާތު ދީފައިވެއެވެ. 

އީރާނުންވަނީ އަވަހާރަވި ކޮމާންޑަރުންނާއި އަސްކަރީ ގާއިދުންގެ ބަދަލުގައި އެ ބޭފުޅުން ތިއްބެވި މަގާމުތަކަށް ވަރަށް އަވަހަށް ބޭފުޅުން އައްޔަންކޮށްފައެވެ. އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަގާމާއި، އިސްލާމީ އިންގިލާބުގެ ފާރަވެރިންގެ ކޮމާންޑަރުގެ މަގާމާއި، ވައިގެ ބާރުތަކުގެ ވެރިޔާގެ މަގާމުގައި ތިއްބެވި ބޭފުޅުން އަވަހާރަވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައިވެއެވެ. 

އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާން އަބުލްފަޟްލު ސެކަރްޝީ ވިދާޅުވެފައިވަނީ އަސްކަރިއްޔާގެ ކޮމާންޑަރުން އަވަހާރަކުރި ނަމަވެސް އެ ބޭފުޅުންގެ ބަދަލުގައި އެ މަގާމުތަކަށް އެހެން ބޭފުޅުން އައްޔަންކޮށް، އިހުނަށްވުރެ ހިތްވަރާއެކު އިސްރާއީލާ ކުރިމަތިލުމަށް އީރާނު އޮތީ ތައްޔާރުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު