ENGLISH
02 ޖުލައި 2025
އިސްރާއީލު އީރާނު ހަނގުރާމައިން ދުނިޔޭގެ އިގުތިސާދަށް ކުރާނެ އަސަރަކީ ކޮބާ؟
15 ޖޫން 2025
|
ދުނިޔޭގެ ތެލުގެ 30 އިންސައްތަ ދަތުރުކުރަނީ އީރާނު ކައިރީ އޮންނަ ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް، ފޮޓޯ:ފަރަރު.ކޮމް
މި އަހަރު ދުނިޔޭގެ އިގުތިސާދު އެއް ސިފައަކުން ސިފަކުރަނީނަމަ އެ ސިފައަކީ ވާނުވާ ނޭނގުމާއި ޔަގީންކަން ކުޑަވުމެވެ. މެދުއިރުމަތީގައި ފުޅާވަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް އުފުލި، އާއްމު ގޭބީސީތަކުގެ ހަރަދުތައް އިހުނަށްވުރެ ބޮޑުވުމުގެ ނުރައްކާ އޮތީ އަހަރު ފެށުނީއްސުރެ ބޯމަތީގައެވެ.
އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު، މި ނުތަނަވަސްކަން އިހުނަށްވުރެ ބޮޑުވީ ބައިނަލްއަގުވާމީ ބާޒާރުގައި އިންތިހާއަށް ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ. އެ ހަމަލާތަކާއެކު އިންވެސްޓަރުން އަގު އެއްވަރެއްގައި ހިފަހެއްޓިފައި ހުންނަ މުދަލަށް އިންވެސްޓުކުރަން ބޭނުންވާ މިންވަރު އިތުރުވެ ރަނުގެ އަގު މައްޗަށް އެރިއެވެ. ދުނިޔޭގެ ބޮޑެތި ހިއްސާގެ ބާޒާރުގައި ތެޔޮ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ދަށަށް ދިޔައެވެ.
މިވަގުތު އެންމެ ބޮޑު ކަންބޮޑުވުމެއް ގުޅިފައި އޮތީ މެދުއިރުމަތީގެ ވިޔަފާރީގެ މުހިއްމު މަގުތަކުގެ ރައްކާތެރިކަމާއެވެ. ހާއްސަކޮށް ހުރުމުޒް ކަަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރުގެ ރައްކާތެރިކަމާމެދު ޝައްކުތައްވަނީ އިތުރުވެފައެވެ. މި ހަނި ކަނޑުއޮޅިއަކީ ގަލްފު ގައުމުތަކުގައި އުފައްދާ ތެޔޮ ބައިނަލްއަގުވާމީ ބާޒާރުތައް ނެރުމަށް ބޭނުންކުރާ މައިގަނޑު ދޮރާއްޓެވެ. އެއީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 30 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ.
މެދުއިރުމަތީގައި އުފެދޭ ކޮންމެ ނުތަނަވަސްކަމަކާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ ޕެޓްރޯލާއި ޑީސަލާއި ގޭސް ފަދަ ތެލުގެ އުފެއްދުންތަކުގެ އަގުތަކަަށްވާނެ ގޮތާމެދު ކުރެވޭ ސުވާލުތަކެވެ. އީރާނަކީ ދުނިޔޭގެ ތެލުގެ ބާޒާރުގައި ބޮޑު ހިއްސާއެއް އޮތް ނިސްބަތުން އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމެވެ. އީރާނުން އުފައްދާ ތެލުގެ ބޮޑު ބައެއް ވިއްކަނީ ޗައިނާއަށެވެ.
އީރާނުން ތެޔޮ ބޭރުކުރުމަށް ކުރިމަތިވާ ކޮންމެ ހުރަހަކާއެކު ޗައިނާއަށް އެހެން ބާޒާރުތަކުން ތެޔޮ ގަންނަން މަޖުބޫރުވާނެއެވެ. އީރާނަކީ ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާަފައިވާ ގައުމަކަށްވާތީ އެހެން ގައުމުތަކުން ތެޔޮ ވިއްކާ އަގުތަކަށްވުރެ ހެޔޮ އަގުގައި ޗައިނާއަށް އެ ގައުމުން ތެޔޮ ލިބެއެވެ. ނަމަވެސް އެ މަގު ބަންދުވެއްޖެނަމަ ޗައިނާއިން ގަންނަ ތެލުގެ ބޮޑު ނިސްބަތެއްގެ އަގު އުފުލި، އެ ގައުމުން އުފައްދާ އަދި އެކްސްޕޯޓުކުރާ މުދަލުގެ އަގު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.
އަދި ހަނގުރާމަ ފުޅާވެ އީރާނު ފިޔަވައި އެ ސަރަހައްދުގެ އެހެނިހެން ގައުމުތަކުގެ ތެޔޮ މަރުކަޒުތަކަށް އެއްވެސް ޒާތެއްގެ ގެއްލުމެއްވެއްޖެނަމަ އެކަމުގެ ސަބަބުން ތެލުގެ އަގު އިތުރަށް ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ ބޭރުކުރުމަށް އެއްވެސް ބާވަތެއްގެ ހުރަހެއް ކުރިމަތިވެއްޖެނަމަ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އިތުރަށް އުފުލޭނެއެވެ.
މިހާތަނަަަށް ތެލުގެ އަގަށް އައި ބަދަލަށް ބަލާއިރު ސާފުނުކުރާ ތެލުގެ އަގު 13 އިންސައްތަ މައްޗަށް އުފުލިފައިވެއެވެ. ތެލުގެ އަގު ބެލުމަށް ބޭނުންކުރާ ބެންޗުމާކުތަކުގެ ތެރެއިން ބްރެންޓް ގްލޯބަލް ބެންޗްމާކް 10 އިންސައްތަ މައްޗަށް އަރާފައިވެއެވެ.
ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު އުފުލި ދަށްވާ އެންމެ މުހިއްމު އެއް ސަބަބަކީ ތެލުގެ އަގެވެ. ތެލުގެ އަގު ބޮޑުވާނަމަ އެހެނިހެން މުދަލުގެ އަގުވެސް ބޮޑުވެއެވެ. ދަތުރުފަތުރުގެ ހަރަދާއި މުދާ އުފެއްދުމަށް ކުރަންޖެހޭ ހޭދަ އިތުރުވަމުގެ ސަބަބުންނެވެ.
އިގުތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި އިސްރާއީލު އީރާނު ހަނގުރާމައި ދިގުލައިގެން ގޮސް ހަނގުރާމައިގެ ތެރެއަށް މެދުއިރުމަތީގައި ހަރަކާތްތެރިވާ އީރާނުގެ ޕްރޮކްސީ ލަޝްކަރުތައް ވަންނަން ފަށައިފިނަމަ، އަދި އެ ޖަމާއަތްތަކާ ދެކޮޅަށް އިސްރާއީލުން ހަމަލާތައް ދޭން ފަށައިފިނަމަ، ތެލުގެ އަގު ބޮޑުވުމުގެ ފުރުސަތު ބޮޑެވެ.
ހުރުމުޒް ކަނޑުއޮޅީގެ އިތުރަށް ރަތް ކަނޑުން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކާއި އާގު ބޯޓުފަހަރަށް ހަމަލާތައް އަމާޒުވާން ފަށައިފިނަމަ މުދާ އުފުލާ މަގުތައް މިހާރަށްވުރެ ދިގުވެ އިތުރަށް ހަރަދު ބޮޑުވާނެ ކަމުގައި ބެލެވެއެވެ. މީގެ ކުރިންވެސް ޔަމަނުގެ ޙޫޘީން ރަތްކަނޑުން ދަތުރުކުރާ ބޯޓުފަހަރަށް ހަމަލާ ދޭން ފެށުމުން މި މައްސަލަ ކުރިމަތިވިއެވެ.
އެހެންކަމުން ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ ބައިނަލްއަގުވާމީ ބާޒާރުގައި މުދަލުގެ އަގު މައްޗަށް ދާނެ ކަމާމެދު އިގުތިސާދީ މާހިރުން ޝައްކެއް ނުކުރައްވައެވެ.