ENGLISH
01 ޖުލައި 2025
އީރާނާ ބައިއަތުހިފައި، ޔަމަނުގެ ޙޫޘީން ވެސް އިޒްރޭލަށް ޙަމަލާ ދޭން ފަށައިފި
15 ޖޫން 2025
|
އިޒްރޭލުން އީރާނަށް ދިން ޢުދުވާނުތަކުގެ ރައްދުގައި އީރާނުން އިޒްރޭލަށް ދެމުންދާ ޙަމަލާތަކުގައި ބައިވެރިވެ، ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޙޫޘީން ވެސް އިޒްރޭލަށް ޙަމަލާތަކެއް ދީފައިވާކަމަށް އެ ޖަމާޢަތުން ބުނެފިއެވެ.
ޙޫޘީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ މުހިންމު ސަރަޙައްދުތަކަށް އަމާޒުކޮށް އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މިގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ފޮނުވާފައިވާ ކަމަށް އެ ޖަމާޢަތުން ބުންޏެވެ.
އަދި މި ޙަމަލާތަކަކީ، އީރާނުގެ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން ދެމުންދާ ޙަަމަލާތަކެއް ކަމަށް ވެސް ޙޫޘީން ބުނެފައިވެއެވެ.
އިޒްރޭލުން ޣައްޒާއަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޙަމަލާތައް ދޭން ފެށުމާއެކު، އެ ޢުދުވާނުގެ ރައްދުގައި ހޫޘީން ވަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައެވެ. މިގޮތުން މިހާތަނަށް 190 އަށް ވުރެ ގިނަ އުޅަނދަށް ޙަމަލާދީފައިވާއިރު، އިޒްރޭލަށް އަމާޒުކޮށް ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ވެސް ދީފައިވެއެވެ.
އީރާނަށް އިޒްރޭލުން މިދިޔަ ހުކުރު ދުވަހު ދޭން ފެށި ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ބައެއް ވެރިން ޝަހީދުކޮށްލާފައިވެއެވެ. އަދި އެ ގައުމުގެ ނިއުކުލިއާ ސަައެންސްވެރިންތަކެއް ވެސް ޝަހީދުކޮށްލިއެވެ.
އޭގެ ރައްދުގައި އީރާނުން 100 އަށް ވުރެ ގިނަ މިސައިލް ޙަމަލާތައް ފޮނުވާލާފައިވާއިރު، އިޒްރޭލުގެ ވެރިރަށް ތެލްއަވީވް ސަރަޙައްދުތަކުގެ އުސް އިމާރާތްތަކަށް، އޭގެ ތެރެއިން ބައެއް ޙަމަލާތައް ވަނީ އަމާޒުވެ، ބޮޑެތި ގެއްލުންތައް ލިބިފައެވެ.
ރޭގެ ވަގުތެއްގައި އިޒްރޭލުން އަނެއްކާވެސް ޙަމަލާތަކެއް ދީފައިވާއިރު، އޭގެ ތެރެއިން ބައެއް ޙަމަލާތައް އީރާނުގައި ތެޔޮ ރައްކާކުރާ ސަރަޙައްދަކަށް ވަނީ އަމާޒުކޮށްފައެވެ. މިގޮތުން، އީރާނުގެ ހުޅަނގުދެކުނުގެ ޝަހްރާންގައި ހުރި ތެޔޮ ރައްކާކުރާ މަރުކަޒުގައި ރޯވެފައިވާކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ.
ރައްދުގައި އީރާނުން ދިން ޙަމަލާތަކުގައި، އިޒްރޭލުގެ ހައިފާ ސަރަޙައްދުން 14 މީހަކު ޒަޚަމްވެފައިވާކަމަށް ޔަހޫދީން ބުންޏެވެ.
އދ.ގައި ހުންނަ އީރާނުގެ މަންދޫބު ވިދާޅުވެފައިވާ ގޮތުގައި، ހުކުރު ދުވަހު އިޒްރޭލުން ދިން ޙަމަލާތަކުގައި 78 މީހަކު ޝަހީދުވެ، 320 މީހުން ވަނީ ޒަޚަމްވެފައެވެ.
އޭގެ ރައްދުގައި، އީރާނުން ދިން ޙަމަލާތަކުގައި، އިޒްރޭލުގެ ތިން މީހަކު މަރުވެ، 76 މީހުން ޒަޚަމްވެފައިވާކަމަށް ޔަހޫދީން ބުނެފައިވެއެވެ.