ENGLISH

01 ޖުލައި 2025

Advertisement

އިޒްރޭލުގެ އާ ޢުދުވާނުތަކުގެ ރައްދުގައި އީރާނުން ވެސް ވަރުގަދަ ޙަމަލާތަކެއް

15 ޖޫން 2025

|

ހަސަން އާމިރު

އިޒްރޭލުގެ ހަރުކަށި ދަޢުލަތުން، އީރާނަށް އަމާޒުކޮށް ރޭ ވެސް ޙަމަލާތައް ދީފައިވާއިރު، އޭގެ ރައްދުގައި އީރާނުން ވެސް އިޒްރޭލަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

އިޒްރޭލުން އީރާނަށް އާ ޙަމަލާތަކެއް ދީފައިވަނީ، އީރާނުގެ ސަރުކާރުގެ އިސް ވެރިން "ނެތިކޮށްލާނެ" ކަމުގެ އިންޒާރު ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފައިވަނިކޮށެވެ. އިޒްރޭލުން އިތުރު ޙަމަލާތައް ދީފިނަމަ، އީރާނުން ދޭ ރައްދު މާ ވަރުގަދަވާނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އާރާޤްޗީ ވަނީ ވިދާޅުވެފައެވެ.

އީރާނަށް އިޒްރޭލުން މިދިޔަ ހުކުރު ދުވަހު ދޭން ފެށި ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ބައެއް ވެރިން ޝަހީދުކޮށްލާފައިވެއެވެ. އަދި އެ ގައުމުގެ ނިއުކުލިއާ ސަައެންސްވެރިންތަކެއް ވެސް ޝަހީދުކޮށްލިއެވެ.

އޭގެ ރައްދުގައި އީރާނުން 100 އަށް ވުރެ ގިނަ މިސައިލް ޙަމަލާތައް ފޮނުވާލާފައިވާއިރު، އިޒްރޭލުގެ ވެރިރަށް ތެލްއަވީވް ސަރަޙައްދުތަކުގެ އުސް އިމާރާތްތަކަށް، އޭގެ ތެރެއިން ބައެއް ޙަމަލާތައް ވަނީ އަމާޒުވެ، ބޮޑެތި ގެއްލުންތައް ލިބިފައެވެ.

ރޭގެ ވަގުތެއްގައި އިޒްރޭލުން އަނެއްކާވެސް ޙަމަލާތަކެއް ދީފައިވާއިރު، އޭގެ ތެރެއިން ބައެއް ޙަމަލާތައް އީރާނުގައި ތެޔޮ ރައްކާކުރާ ސަރަޙައްދަކަށް ވަނީ އަމާޒުކޮށްފައެވެ. މިގޮތުން، އީރާނުގެ ހުޅަނގުދެކުނުގެ ޝަހްރާންގައި ހުރި ތެޔޮ ރައްކާކުރާ މަރުކަޒުގައި ރޯވެފައިވާކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ.

ރައްދުގައި އީރާނުން ދިން ޙަމަލާތަކުގައި، އިޒްރޭލުގެ ހައިފާ ސަރަޙައްދުން 14 މީހަކު ޒަޚަމްވެފައިވާކަމަށް ޔަހޫދީން ބުންޏެވެ.

އދ.ގައި ހުންނަ އީރާނުގެ މަންދޫބު ވިދާޅުވެފައިވާ ގޮތުގައި، ހުކުރު ދުވަހު އިޒްރޭލުން ދިން ޙަމަލާތަކުގައި 78 މީހަކު ޝަހީދުވެ، 320 މީހުން ވަނީ ޒަޚަމްވެފައެވެ.

އޭގެ ރައްދުގައި، އީރާނުން ދިން ޙަމަލާތަކުގައި، އިޒްރޭލުގެ ތިން މީހަކު މަރުވެ، 76 މީހުން ޒަޚަމްވެފައިވާކަމަށް ޔަހޫދީން ބުނެފައިވެއެވެ.

އިޒްރޭލުން އީރާނަށް ދިން ނިރުބަވެރި ޙަމަލާ ދުނިޔޭގެ ގިނަ ޤައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

އަދި މަސްރަޙް އިތުރަށް ގޯސްވިޔަނުދީ، ދެ ޤައުމުން ވެސް ޙަމަލާތައް ބަދަލުކުރުން ވަގުތުން ހުއްޓާލައި، މަޝްވަރާ އިސްކުރަން އދ.އިން ވެސް ވަނީ ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު