ENGLISH
01 ޖުލައި 2025
އެއާ އިންޑިއާ ބޯޓު ވެއްޓުނު ހާދިސާގެ ތަހުޤީޤު ފަށައިފި
14 ޖޫން 2025
|
އިންޑިއާގެ އަހުމަދުއާބާދަށް ވެއްޓުނު އެއާ އިންޑިއާ ބޯޓުގެ ކަޅު ފޮށި ހޯދައި، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަން ކަމާގުޅޭ އިދާރާތަކުން ތަހުޤީޤު ފަށައިފިއެވެ.
ބޯއިން 787 ޑްރީމްލައިނާގެ ބޯޓު ވެއްޓުނީ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ގެޓްވިކަށް ދާން ނައްޓާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ.
ބޯޓު ނައްޓާލުމާ އެކު އެއާ ޓްރެފިކް ކޮންޓްރޯލް އަށް ވަނީ މޭޑޭ ކޯލެއް ދީފަ އެވެ. ނަމަވެސް އޭގެ ފަހުން ޕައިލެޓުންގެ ފަރާތުން އެއްވެސް ޚަބަރެއް ވެފައެއް ނުވެ އެވެ.
އަހުމަދުއާބާދުގެ މީހުން ދިރިއުޅޭ ސަރަޙައްދަށް އެ ބޯޓު ވެއްޓުނު ހާދިސާގައި މިހާތަނަށް 265 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި އެ ބޯޓުން ދަތުރުކުރި 241 މީހުން ހިމެނެއެވެ.
އެ ބޯޓުގައި ތިބި އެންމެން މަރުވިކަމަށް ބެލެވިފައިވަނިކޮށް، އޭގައި ތިބި 242 މީހުންގެ ތެރެއިން އެކަކު ވަނީ ސަލާމަތްވެފައެވެ.
އޭނާ ސަލާމަތްވީ، ބޯޓު ވެއްޓެން ދިޔަ ވަގުތު، ބޯޓުގެ އެމަރޖެންސީ ދޮރު ހުޅުވައި، ބޯޓުން ފުއްމާލައިގެންނެވެ.
"ފުރަތަމަ ހީކުރީ އަހަރެންވެސް މަރުވަނީ ކަމަށް. އެކަމަކު ލޯހޮޅުވައި ބަލައިލިއިރު އަހަރެން މަރުނުވެ ސަލާމަތްވިކަން އެނގުނީ،" އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ވިޝްވާސް ކުމާރު ރަމޭޝް އިންޑިއާގެ ޓީވީ ޗެނަލަކަށް ބުންޏެވެ.
މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި 12 ފަޅުވެރިންގެ އިތުރުން އިންޑިޔާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލްގެ ހަތް މީހުންނާއި ކެނެޑާއަށް ނިސްބަތްވާ މީހެއް ހިމެނެއެވެ.
އެ ސަރަޙައްދުގެ ޑެޕިޔުޓީ ޕޮލިސް ކޮމިޝަނަރު ކަނަން ދޭސާއީ ވިދާޅުވީ، އެ ހާދިސާގައި މިހާތަނަށް 265 މީހެއްގެ ހަށިގަނޑު ހޯދިފައިވާ ކަމަށެވެ. ނަމަވެސް، ވެއްޓުނު އިމާރާތްތަކުގެ ބައިތަކުގެ ދަށުން އިތުރު ހަށިގަނޑުތައް ފެންނަމުންދާތީ، އެ އަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.
އޭވިއޭޝަން މިނިސްޓަރު މޯހަން ނައިދޫ ކިންޖަރަޕު ވިދާޅުވީ، އެ ބޯޓުގެ ކަޅު ފޮށި މިހާރު ހޯދިފައިވާ ކަމަށާއި، އޭގެ ސަބަބުން ތަހުޤީޤަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ބޯއިން 787 ޑްރީމްލައިނާގެ ބޯޓުތައް ފަރުމާކޮށްފައިވަނީ، އެއް އިންޖީނު ފެއިލްވިޔަސް، ބޯޓަށް އުދުހެވޭގޮތަށްކަމުން، މި ބޯޓު ވެއްޓުނީ ދެ އިންޖީނުވެސް ފެއިލްވެގެން ކަމަށް ބެލެވޭކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.