ENGLISH

02 ޖުލައި 2025

Advertisement

ލޮސް އެންޖެލީސްގެ މުޒާހަރާތައް ހުއްޓުވަން މެރީންސްގެ ސިފައިން ނެރެފި

14 ޖޫން 2025

|

ހަސަން އާމިރު

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖެލީސް ސިޓީގައި ބިދޭސީން އިސްވެ ކުރަމުންދާ މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެފައިވާއިރު، ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން، އެމެރިކާގެ މެރީންސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ލޮސް އެންޖެލީސްގައި އެތަކެއް ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށާފައި ވަނީ، އިމިގްރޭޝަން އިދާރާ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް) އިން ރޭޑު ޖަހައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރުމާ ގުޅިގެންނެވެ.

އައިސްއިން މި އޮޕަރޭޝަން ފަށާފައިވަނީ، އެމެރިކާގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ފަށާފައިވާ ހަރުކަށި މަސައްކަތްތަކުގެ ދަށުންނެވެ.

ލޮސް އެންޖެލީސްގެ އިތުރުން، ނިއު ޔޯކް، އެޓަލަންޓާ، ސެން ފްރެންސިސްކޯ އަދި ޝިކާގޯގައި ވެސް މިހާރު ވަނީ މުޒާހަރާތައް ފަށައިފިއެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނެޝަނަލް ގާޑުގެ 4،000 ސިފައިންގެ އިތުރުން 700 މެރީންސްގެ ސިފައިން ވެސް ނެރެން ނިންމަވައިފައެވެ.

ނަމަވެސް، ފެޑަރަލް ސަރުކާރަށް ކެލިފޯނިއާ ސްޓޭޓްގެ ހުއްދަ ނެތި، ސިފައިން ނުނެރެވޭނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެ ކަންބޮޑުވުންތަކުގެ ތެރެއިން، މެރީންސް ސިފައިން މިހާރު ވަނީ ލޮސް އެންޖެލީސްގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާން ފަށައިފައެވެ. މިގޮތުން، ދައުލަތުގެ އިމާރާތްތަކުގެ ދަށުގައި ފޯރިމަރަމުންދާއިރު، އާންމުން ހުއްޓުވައި، ސުވާލުކުރަމުންދާކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެފައިވެއެވެ.

ކެލިފޯނިއާ ސްޓޭޓް ސަރުކާރުގެ ހުއްދަ ނެތި، ނެޝަނަލް ގާޑުގެ ސިފައިން ނެރުމުން، ޓްރަމްޕަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި މިއީ މައި ސަރުކާރުން ބާރުގެ ނާޖާއިޒު ބޭނުންކުރުން ކަމަށް ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވަނީ ވިދާޅުވެފައެވެ.

އެއާއެކު، ޓްރަމްޕްގެ އެ އެންގެވުން ބާތިލުކުރަން، ނިއުސަމްގެ އޮފީހުން މިހާރު ވަނީ ފެޑެރަލް ސަރުކާރާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ޑިސްޓްރިކްޓް ކޯޓުން ވަނީ ޓްރަމްޕްގެ އެ ނިންމެވުމުން ގޯސްކަމަށް ބުނެ، ނެޝަނަލް ގާޑުގެ ކޮންޓްރޯލް ގަވަރުނަރަށް ދިނުމަށް އަމުރުކޮށްފައެވެ.

ނަމަވެސް، އެ އަމުރު އިސްތިއުނާފު ކުރުމުން، މަތީ ކޯޓުން ވަނީ ދަށު ކޯޓުގެ އަމުރަށް ޢަމަލުކުރުން މަޑުޖައްސައިލަން އަންގައިފައެވެ.


ކިޔުންތެރިންގެ ހިޔާލު