ENGLISH
02 ޖުލައި 2025
އީރާނުން ދިން ރައްދު ޙަމަލާތަކުގައި އިޒްރޭލަށް ބޮޑެތި ގެއްލުންތައް
14 ޖޫން 2025
|
އިޒްރޭލުން ދިން ނިރުބަވެރި ޙަމަލާތަކުގެ ރައްދުގައި، އީރާނުން ދިން ރައްދު ޙަމަލާތަކުގައި އިޒްރޭލުގެ ބައެއް ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އިޒްރޭލުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
އީރާނުން 100 އަށް ވުރެ ގިނަ މިސައިލް ޙަމަލާތައް ފޮނުވާލާފައިވާއިރު، އިޒްރޭލުގެ ވެރިރަށް ތެލްއަވީވް ސަރަޙައްދުތަކުގެ އުސް އިމާރާތްތަކަށް، އޭގެ ތެރެއިން ބައެއް ޙަމަލާތައް ވަނީ އަމާޒުވެފައެވެ. ބައެއް ސަރަޙައްދުތަކުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުންދާއިރު، ޙަމަލާތައް އަމާޒުވި އިމާރާތްތަކުގައި ތަށިވެފައިތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ތެލްއަވީވް ސަރަޙައްދުގައި ހުރި ބައެއް އުސް އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ މަންޒަރުތައް ބައެއް ޓީވީ ޗެނަލްތަކުން ވަނީ ދުރަށް ދައްކައިފައެވެ.
އީރާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ބައެއް ވެރިން ޝަހީދުކޮށްލާފައިވެއެވެ. އަދި އެ ގައުމުގެ ނިއުކުލިއާ ސަައެންސްވެރިންތަކެއް ވެސް ޝަހީދުކޮށްލިއެވެ.
ރައްދުގައި އީރާނުން މިހާތަނަށް 100 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ޙަމަލާތައް ފޮނުވާލާފައިވާ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ގިނަ ޙަމަލާތައް އިޒްރޭލުގެ ވަރުގަދަ ދިފާޢީ ނިޒާމުން ހުއްޓުވާފައިވާކަމަށް ޔަހޫދީންގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
މި ޙަމަލާތަކުގައި މިހާތަނަށް 34 މީހަކު ޒަޚަމްވެފައިވާ ކަމަށް އިޒްރޭލުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
އިޒްރޭލުން އީރާނަށް ދިން ނިރުބަވެރި ޙަމަލާ ދުނިޔޭގެ ގިނަ ޤައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ.
އަދި މަސްރަޙް އިތުރަށް ގޯސްވިޔަނުދީ، ދެ ޤައުމުން ވެސް ޙަމަލާތައް ބަދަލުކުރުން ވަގުތުން ހުއްޓާލައި، މަޝްވަރާ އިސްކުރަން އދ.އިން ވެސް ވަނީ ގޮވާލައިފައެވެ.