ENGLISH
02 ޖުލައި 2025
ވެއްޓުނު އެއާ އިންޑިއާ ބޯޓުގެ ކަޅުފޮށި ހޯދައިފި
13 ޖޫން 2025
|
ލަންޑަނަށް ދިއުމަށްޓަކައި އިންޑިއާގެ އަހުމަދުއާބާދުން އިއްޔެ ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުގެ ކަޅުފޮށި ހޯދައިފި އެވެ.
އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ކަޅުފޮށި ހޯދާފައި މި ވަނީ ބޯޓު ވެއްޓުނުތާ 28 ގަޑިއިރު ފަހުންނެވެ.
ލަންޑަނުގެ ގެޓްވިކަށް ދާން ފުރި ބޯޓުން ދަތުރުކުރި 242 މީހުންގެ ތެރޭން ސަލާމަތްވީ އެންމެ މީހެކެވެ. ބޯޓު ނައްޓާލިތާ ގާތްގަނޑަކަށް 30 ވަރަކަށް ސިކުންތުގެ ތެރޭގައި ވެއްޓިފައި ވަނީ ޑޮކްޓަރުން ތިބޭ ހޮސްޓަލެއްގެ މައްޗަށެވެ. އޮފިޝަލުން ވިދާޅުވީ ބިންމަތިން ވެސް 8 މީހުން މަރުވެފައިވާ ކަމަށެވެ. ބޯޓު ވެއްޓުނީ ގާތްގަނޑަކަށް 625 ފޫޓު މަތިންނެވެ.
އިންޑިއާގެ އޭވިއޭޝަން މިނިސްޓަރ ރާމް މޯހަން ނައިދޫ ވިދާޅުވީ ބޯޓުގެ ކަޅުފޮށި ފެނުމަކީ ތަހުގީގަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.
މަތިންދާ ބޯޓުތަކުގައި ދެ ކަޅުފޮށި ބޭނުން ކުރެ އެވެ. އެއް ކަޅުފޮށިން، ފްލައިޓުގެ ޑޭޓާ ރެކޯޑް ކުރެ އެވެ. އޭގެ ތެރޭގައި ބޯޓު ދަތުރުކުރާ އުސް މިނާއި ސްޕީޑް ހިމެނެ އެވެ. އަނެއް ކަޅުފޮށިން ރެކޯޑް ކުރާނީ ކޮކްޕިޓްގައި ޕައިލެޓުން ދައްކާ ވާހަކަތަކެވެ. އެހެންވެ ތަހުގީގުގައި ކަޅުފޮށީގެ އެހީގައި ޕައިލެޓުންގެ ވާހަކަތައް އަޑު އަހައިގެން ބޯޓު ވެއްޓުނު ސަބަބެއް ހޯދަން އެހީތެރިކަން ލިބޭނެ އެވެ.
ވެއްޓުނު އިންޑިއާގެ ފްލައިޓް އޭއައި171 އިން ދަތުރުކޮށްފައި ވަނީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުން އަދި ކެނެޑާ މީހަކާއި ޕޯޗުގަލްގެ ހަތް މީހުން ކަމަށް އެއާ އިންޑިއާ އިން ބުންޏެވެ.
ބޯޓުން ސަލާމަތްވި ހަމައެކަނި މީހާ އަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ބޯޓު ވެއްޓުނު ތަނަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ޒިޔާރަތް ކުރެއްވި.
ވެއްޓުނު އެއާ އިންޑިއާގެ ބޯއިން 787 ގެ ޑްރީމްލައިނާ އަކީ 11 އަހަރުވީ ބޯޓެވެ. މި ބޯޓު އާއްމުކޮށް ދަތުރުކުރަނީ މުމްބާއީީ- ދުބާއީ، ނިއު ދިއްލީ އާއި ޔޫރަޕުގެ އެކި މަންޒިލްތަކަށެވެ. އޭގެ ތެރޭގައި މިލާން، ޕެރިސް އަދި އެމްސްޓެޑަމް ހިމެނެ އެވެ. މިދިޔަ ދެ އަހަރު ތެރޭ މި ބޯޓު ވަނީ އަހުމަދުއާބާދާއި ލަންޑަނުގެ ގެޓްވިކް އެއާޕޯޓާ ދެމެދު 25 ދަތުރުކޮށްފަ އެވެ.
މިއީ ބޯއިން 787 ޑްރީމްލައިނާ މަރުކާގެ ބޯޓެއް މިފަދަ ގޮތަކަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. މި މޮޑެލްގެ ބޯޓުތައް މާކެޓަށް ނެރެފައި ވަނީ 14 އަހަރު ކުރިންނެވެ. އަދި މީގެ ހަ ހަފުތާ ކުރިން، މަތިންދާބޯޓު އުފައްދާ އެމެރިކާގެ ކުންފުނިން ވަނީ އެއް ބިލިއަން ފަސިންޖަރުން ޑްރީމްލައިނާގައި އުފުލާފައިވާކަން އިއުލާންކޮށްފަ އެވެ. ބޯއިން ކުންފުނިން ބުނީ 787 ގެ ފްލީޓުގައި 1،175 ބޯޓު މިހާރު ބޭނުންކުރާ ކަމަށެވެ. އަދި މި މަރުކާގެ ބޯޓުތައް ވަނީ ފަސް މިލިއަން ފްލައިޓް ދަތުރުކޮށްފައެވެ. އެއީ ގާތްގަނޑަކަށް 30 މިލިއަނަށް ވުރެ ގިނަ ފްލައިޓް އަވާސް އެވެ.