ENGLISH
02 ޖުލައި 2025
އިޒްރޭލަށް ވޭންދެނިވި ބަދަލެއް ދޭނެ ކަމަށް ޚާމަނާއީ ވިދާޅުވެއްޖެ
13 ޖޫން 2025
|
އީރާނަށް ދިން ވައިގެ ހަމަލާތަކުގެ ބަދަލު ވޭންދެނިވި ގޮތަކަށް އިޒްރޭލުގެ ކިބައިން ހިފާނެ ކަމުގެ އިންޒާރު އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ދެއްވައިފި އެވެ.
އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ހަމަލާދީ އަސްކަރީ ކޮމާންޑަރުންނާއި ސައެންސްވެރިންތަކެއް އަވަހާރަކޮށްލި ހަމަލާ އަށް ފަހު ޚާމަނާއީ ވިދާޅުވީ އީރާނުގެ ބިމުގައި އިޒްރޭލުން ވަނީ ބޮޑުވެގެންވާ ޖަރީމާއެއް ހިންގާފައި ކަމަށެވެ. އަދި އެ ޖަރީމާގެ ބަދަލު އީރާނުގެ އަސްކަރިއްޔާ އިން ނުދީ ނުތިބޭނެ ކަމަށް ޚާމަނާއީ ވިދާޅުވި އެވެ.
"މި އުދުވާނަށް ފަހު ޒަޔަނިސްޓް ސަރުކާރު އޮންނަން ޖެހޭނީ އީރާނުން ދީފާނެ ވޭންދެނިވި، ގެއްލުން ބޮޑު ހަމަލާއެއްގެ އިންތިޒާރުގައި،" ޚާމަނާއީ ވިދާޅުވިއެވެ.
އިޒްރޭލުން ދިން ހަމަލާތަކަށް ފަހު އީރާނުން ވެސް ވަނީ 100 އަށް ވުރެ ގިނަ ޑްރޯން ހަމަލާ ފޮނުވާލައިފަ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ސައިދު އައްބާސް އަރާގުޗީ ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކަކީ ހަނގުރާމަ އިއުލާން ކުރުން ކަމަށެވެ. އަދި އެނާ ވަނީ މިމޭރުން ސިޓީއެއް ލިޔުއްވާ އދ. އަށް ފޮނުއްވައިފަ އެވެ.
އައްބާސް ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ވެސް ގޮވާލައްވައިފަ އެވެ. އަދި އިޒްރޭލުގެ ހަމަލާ އަކީ އީރާނުގެ މިނިވަން ކަމަށް އަރައިގަތުން ކަމަށް އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ.
އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ނިއުކްލިއާ އެއްބަސްވުމަކަށް އަވަހަށް އައުމަށް ގޮވާލައްވައިފަ އެވެ. ނޫން ނަމަ އީރާނާ ދެކޮޅަށް އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވެސް ވަނީ ދެއްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ އިޒްރޭލުން އީރާނަށް ހަމަލާ ދޭން އުޅޭކަން ކުރިން އެނގޭ ކަމަށާއި ނަމަވެސް އެ ހަމަލާތަކުގައި އެމެރިކާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.