ENGLISH

02 ޖުލައި 2025

Advertisement

އީރާނަށް އިސްރާއީލުން ދިން ކުއްލި ހަމަލާ؛ މުހިއްމު ޝަޚުޞިއްޔަތުތަކެއް ޝަހީދުކޮށްލައިފި؟

13 ޖޫން 2025

|

ޝިފްޒާން އަޙްމަދު

އިސްރާއީލުން މިއަދު ފަތިހު ތެހެރާނަށް ދިން ހަމަލާތަކުގެ ތެރެއިން

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އީރާނުގެ ވެރިރަށް ތެހެރާނަށް މިއަދުގެ ފަތިހު ހަމަލާތަކެއް ދީ، އީރާނުގެ އަސްކަރިއްޔާގެ ބައެއް އިސްވެރިންނާއި މުހިއްމު ބައެއް ސައެންސްވެރިން އަދި އިލްމުވެރިން ގަތުލުކޮށްފިކަމަށް ބައިނަލްއަގުވާމީ މީޑިޔާއިން ރިޕޯޓުކޮށްފިއެވެ. 

އިސްރާއީލުގެ ކުއްލި ހަމަލާތަކެއް

އިސްރާއީލުގެ ޗެނަލް-13އިން ރިޕޯޓުކޮށްފައިވާ ގޮތުން ތެހެރާނަށް ދިން ހަމލާތަކުގެ ތެރޭގައި އީރާނުގެ ނިއުކުލިއާ ސައެންސްވެރިން ގަތުލުކުރުމަށްޓަކައި ދިން ހާއްސަ ހަމަލާތަކެއްވެސް ހިމެނެއެވެ. 

އިސްރާއީލުގެ ބައެއް މީޑިޔާއިން އެ ގައުމުގެ އަސްކަރިއްޔާގެ މަސްދަރުތަކާ ހަވާލާދީ އާއްމުކޮށްފައިވާ ބައެއް ހަބަރުތަކުގައި ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތަކުގެ ފުރަތަމަ ބުރުގައި އީރާނުގެ އަސްކަރިއްޔާގެ ވެރިންގެ އިދާރާއަށް ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެ ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އަވަހާރަވެފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާގެ މަސްދަރުތަކާ ހަވާލާދީ އެ ގައުމުގެ ބައެއް މީޑިޔާއިން ރިޕޯޓުކޮށްފައިވެއެވެ. 

މިހާތަނަށް އިސްރާއީލު އަސްކަރިއްޔާއިން ރަސްމީކޮށް އިއުލާނުކޮށްފައިވާ ހަމައެކަނި މައުލޫމާތަކީ އީރާނާ ދެކޮޅަށް "ރައިޒިން ލައަން" ތެދުވަމުންދާ ސިންގާގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމެވެ. އަދި އީރާނުގެ ބައެއް މުހިއްމު ޝަހުޞިއްޔަތުތައް ގަތުލުކުރުމަކީ މި އޮޕަރޭޝަނުގެ އަސާސީ މަގުސަދެއްކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. 

ސީއެންއެންއިން އިސްރާއީލު އަސްކަރިއްޔާގެ އިސްވެރިޔަކާ ހަވާލާދީ ބުނެފައިވަނީ މި ހަމަލާތަކަކީ އެންމެ ދުވަހަކުން ނިންމައިލާނެ ހަމަލާތަކެއް ނޫންކަމަށާއި، ކުރިއަށް އޮތް ތަނުގައި މަރުހަލާތަކަކަށް ބަހާލައިގެން އީރާނަށް ހަމަލާ ދެމުންދާނެ ކަމަށެވެ. 

އިސްރާއީލުގެ ނޫހެއްކަމަށްވާ ހަޔޫމްއިން ރިޕޯޓުކުރި ގޮތުގައި އީރާނުގެ މަތީ ފަންތީގެ މަސްއޫލުވެރިންތަކެއް ގަތުލުކުރުމުގެ އޮޕަރޭޝަން ފެށުމާއެކު އިސްރާއީލުގެ ހުރިހާ ވެރިންވެސް ރައްކާތެރި ތަންތަނަށް ގެންދެވިފައިވެއެވެ. އަދި އެ ނޫހުން ރިޕޯޓުކުރި ގޮތުގައި މި އޮޕަރޭޝަނުގެ ބޭނުމަކީ އީރާނުގެ ފަރާތުން ނިއުކުލިއާ ނުރައްކަލެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމެވެ. 

އެމެރިކާގެ ނިންމުން

މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ އިސްރާއީލުން ދިން ހަމަލާތަކަކީ އެ ގައުމުން އަމިއްލައަށް ކުރި ކަމެއް ކަމަށެވެ. އަދި މިވަގުތު އެމެރިކާއިން އެންމެ ބޮޑަށް އިސްކަންދެނީ މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންނާ ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަސްލަހަތުތައް ދިފާއުކުރުން ކަމަށެވެ. 

ރޫބިއޯ ވިދާޅުވި ގޮތުގައި މި ހަމަލާތަކަކީ އިސްރާއީލުގެ އަމިއްލަ ދިފާއަށްޓަކައި ކޮންމެހެން ތަންފީޒުކުރަންޖެހޭ ހަމަލާތަކެއްކަން އެ ގައުމުން އެމެރިކާ ސަރުކާރަށް އަންގާފައިވެއެވެ. 

އަލްޖަޒީރާއާ ވާހަކަދެއްކެވި އެމެރިކާގެ ދެ މަސްއޫލުވެރިޔަކުވަނީ މި ހަމަލާތަކުގައި އެމެރިކާއިން ބައިވެރިނުވާކަމަށާއި، އެމެރިކާއިން އެ ހަމަލާތައް ކުރިއަށްގެންދިއުމުގައި އިސްރާއީލަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާނެ ކަމުގައި ވިދާޅުވެފައެވެ. 

އީރާނުގައި މުހިއްމު ޝަހުސިއްޔަތުތަކެއް އަވަހާރަކޮށްލުން

ތަސްނީމް ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުން އިންގިލާބީ ފާރަވެރިންގެ ކޮމާންޑަރު ޙުސައިން ސަލާމީގެ އިތުރަށް ނިއުކުލިއާ ދެ ސައެންސްވެރިންކަމަށްވާ މަހްދީ ޠަހްރާންޖީއާއި ފަރީދޫން ޢައްބާސީ އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައިވެއެވެ. 

އޭގެ އިތުރަށް އީރާނުގެ ޓީވީންވަނީ އެ ގައުމުގެ އާޒާދު ޔުނިވާސިޓީގެ ޗާންސެލާ މުޙައްމަދު މަހުދީ ޠަހްރާންޖީއާއި އީރާނުގެ އަސްކަރިއްޔާގެ ޚާތިމުލް އަންބިޔާއި ބޭސްގެ ކޮމާންޑަރު ޣުލާމް ޢަލީވެސް އަވަހާރަކޮށްލާފައިވާކަމުގެ ހަބަރު ލިބެމުންދާކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް އެ ދެ ބޭފުޅުން ޝަހީދުކޮށްލާފައިވާކަން ކަށަވަރުނުކުރެވޭކަމަށް އެ ޓީވީން ބުނެއެވެ. 

ތެހެރާނުގެ އިތުރަށްވެސް އީރާނުގެ ބައެއް ސިޓީތަކަށް އިސްރާއީލުން ހަމަލާދީފައިވާކަމަށް އީރާނުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެ ރިޕޯޓުތަކުގައިވާ ގޮތުން ނަޠަންޒްއާއި ޚަންދާބްއާއި ޚުރަމް އާބާދުގެ ބައެއް ސަރަހައްދުތަކަށް އިސްރާއީލުން ހަމަލާދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު