ENGLISH

02 ޖުލައި 2025

Advertisement

ވެއްޓުނު އެއާ އިންޑިއާ ބޯޓުން އެކަކު ސަލާމަތްވި

12 ޖޫން 2025

|

ހަސަން އާމިރު

އިންޑިއާގެ އަހުމަދުއާބާދަށް މިއަދު ވެއްޓުނު އެއާ އިންޑިއާ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު ސަލާމަތްވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ބޯއިން 787 ޑްރީމްލައިނާގެ ބޯޓު ވެއްޓުނީ ނައްޓާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. އެ ބޯޓު އަހުމަދުއާބާދުން ފުރުމަށް ޝެޑިއުލްކޮށްފައި ވަނީ ހެނދުނު 9:50 ގަ އެވެ. ގެޓްވިކުގައި ޖައްސަން ހަމަޖެހިފައި ވަނީ ހަވީރު 18:25 ގަ އެވެ. ބޯޓު އަހުމަދުއާބާދުން ފުރީ މެންދުރު ފަހު 13:39 ގަ އެވެ.

ބޯޓު ނައްޓާލުމާ އެކު އެއާ ޓްރެފިކް ކޮންޓްރޯލް އަށް ވަނީ މޭޑޭ ކޯލެއް ދީފަ އެވެ. ނަމަވެސް އޭގެ ފަހުން ޕައިލެޓުންގެ ފަރާތުން އެއްވެސް ޚަބަރެއް ވެފައެއް ނުވެ އެވެ.

އެ ބޯޓުގައި 12 ފަޅުވެރިންނާ އެކު ޖުމްލަ 242 މީހުން ދަތުރުކުރި ކަމަށް އެއާ އިންޑިއާއިން ވަނީ ބުނެފައެވެ.

މީހުން ދިރިއުޅޭ ސަރަޙައްދަކަށް ވެއްޓުނު އެ ބޯޓުގައި ތިބި އެންމެން މަރުވިކަމަށް ބެލެވިފައިވަނިކޮށް، އޭގައި ތިބި 242 މީހުންގެ ތެރެއިން އެކަކު ސަލާމަތްވެފައިވާ ކަމަށް ސިއްޙީ އޮފިޝަލަކު ވަނީ މީޑިއާތަކަށް ޔަޤީންކޮށްދެއްވައިފައެވެ.

ނަމަވެސް، އެ މީހާ އާ ގުޅޭ އެއްވެސް ތަފްޞީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އެއީ އިނގިރޭސި ރައްޔިތެކެވެ. 

މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި 12 ފަޅުވެރިންގެ އިތުރުން އިންޑިޔާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލްގެ ހަތް މީހުންނާއި ކެނެޑާއަށް ނިސްބަތްވާ މީހެއް ހިމެނެއެވެ.

އަހުމަދުއާބާދުގެ ފުލުހުން ބުނީ ބޯޓު ވެއްޓުނު ހާދިސާގައި މިހާތަނަށް 204 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އޭގެތެރޭގައި، ބޯޓުގެ ބައެއް ވެއްޓުނު، މެޑިކަލް ކޮލެޖެއްގެ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ވެސް ހިމެނެއެވެ. ބޯޓު ވެއްޓުނު ވަގުތު، އެ ދަރިވަރުން ތިބީ ކެންޓީނުގައި ކާން ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

މިއީ ބޯއިން 787 ޑްރީމްލައިނާ މަރުކާގެ ބޯޓެއް މިފަދަ ގޮތަކަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. މި މޮޑެލްގެ ބޯޓުތައް މާކެޓަށް ނެރެފައި ވަނީ 14 އަހަރު ކުރިންނެވެ. އަދި މީގެ ހަ ހަފުތާ ކުރިން، މަތިންދާބޯޓު އުފައްދާ އެމެރިކާގެ ކުންފުނިން ވަނީ އެއް ބިލިއަން ފަސިންޖަރުން ޑްރީމްލައިނާގައި އުފުލާފައިވާކަން އިއުލާންކޮށްފަ އެވެ. ބޯއިން ކުންފުނިން ބުނީ 787 ގެ ފްލީޓުގައި 1،175 ބޯޓު މިހާރު ބޭނުންކުރާ ކަމަށެވެ. އަދި މި މަރުކާގެ ބޯޓުތައް ވަނީ ފަސް މިލިއަން ފްލައިޓް ދަތުރުކޮށްފައެވެ. އެއީ ގާތްގަނޑަކަށް 30 މިލިއަނަށް ވުރެ ގިނަ ފްލައިޓް އަވާސް އެވެ.

ކިޔުންތެރިންގެ ހިޔާލު