ENGLISH
02 ޖުލައި 2025
އެއާ އިންޑިއާގެ ބޯޓު ވެއްޓުނީ ޑޮކްޓަރުންގެ ހޮސްޓެލްގެ މައްޗަށް
12 ޖޫން 2025
|
ލަންޑަނަށް ދިއުމަށްޓަކައި އިންޑިއާގެ އަހުމަދުއާބާދުން މިއަދު ފުރި އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނީ ޑޮކްޓަރުން ތިބޭ ހޮސްޓަލެއްގެ މައްޗަށް ކަމަށް ފުލުހުންގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ފެޑެރޭޝަން އޮފް އޯލް އިންޑިއާ މެޑިކަލް އެސޯސިއޭޝަނުން ބުނީ ފްލައިޓް އެކްސިޑެންޓަށް ފަހު 50-60 އާ ދެެމެދުގެ އަދަދެއްގެ ޑޮކްޓަރުން ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އައިސީޔޫގައި ދެ ޑޮކްޓަރުންނަށް ފަރުވާ ދޭ އިރު ފަސް ޑޮކްޓަރަކު ވަނީ ގެއްލިފަ އެވެ.
އަހުމަދުއާބާދުގެ ފުލުހުން ބުނީ ބޯޓު ވެއްޓުނު ހާދިސާގައި މިހާތަނަށް 204 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
މިއަދު މެންދުރު ފުރި އެއާ އިންޑިއާގެ ފްލައިޓް އޭއައި171 ގައި 242 ފަސިންޖަރުން ދަތުރުކުރި އެވެ. ބޯޓުން ދަތުރުކޮށްފައި ވަނީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުން އަދި ކެނެޑާ މީހަކާއި ޕޯޗުގަލްގެ ހަތް މީހުން ކަމަށް އެއާ އިންޑިއާ އިން ބުންޏެވެ.
ފްލައިޓް ޑޭޓާ ރެކޯޑާ ވެބްސައިޓުން އެނގޭ ގޮތުގައި ބޯއިން 787 ޑްރީމްލައިނާގެ ބޯޓު ވެއްޓުނީ ނައްޓާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. އޭރު ބޯޓު ދަތުރުކުރަމުން ދިޔަ އުސްމިނަކީ 625 ފޫޓެވެ. ބޯޓު ނައްޓާލުމާ އެކު އެއާ ޓްރެފިކް ކޮންޓްރޯލް އަށް ވަނީ މޭޑޭ ކޯލެއް ދީފަ އެވެ. ނަމަވެސް އޭގެ ފަހުން ޕައިލެޓުންގެ ފަރާތުން އެއްވެސް ޚަބަރެއް ވެފައެއް ނުވެ އެވެ. ބޯޓު ވެއްޓުނު އިރު އަހުމަދުއާބާދަށް މޫސުން ރަނގަޅު ކަމަށް އޮފިޝަލުން ބުނެ އެވެ. ވައި ވެސް ޖެހެމުން ދިޔައީ އާދައިގެ ވަރަކަށް މަޑުން ކަމަށާއި ދުރުފެންނަ ނިސްބަތް ހުރީ ހަ ކިލޯމީޓަރުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ބޯޓުގެ ކެޕްޓަނަކީ 8،200 ގަޑިއިރު ދުއްވުމުގެ ތަޖްރިބާ ހުރި މީހެއް ކަމަށް ޚަބަރުތައް ބުނެއެވެ. ކޯ-ޕައިލެޓަކީ 1،100 ގަޑިއިރު ދުއްވުމުގެ ތަޖްރިބާ ހުރި މީހެކެވެ.
މިއީ ބޯއިން 787 ޑްރީމްލައިނާ މަރުކާގެ ބޯޓެއް މިފަދަ ގޮތަކަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. މި މޮޑެލްގެ ބޯޓުތައް މާކެޓަށް ނެރެފައި ވަނީ 14 އަހަރު ކުރިންނެވެ. އަދި މީގެ ހަ ހަފުތާ ކުރިން، މަތިންދާބޯޓު އުފައްދާ އެމެރިކާގެ ކުންފުނިން ވަނީ އެއް ބިލިއަން ފަސިންޖަރުން ޑްރީމްލައިނާގައި އުފުލާފައިވާކަން އިއުލާންކޮށްފަ އެވެ. ބޯއިން ކުންފުނިން ބުނީ 787 ގެ ފްލީޓުގައި 1،175 ބޯޓު މިހާރު ބޭނުންކުރާ ކަމަށެވެ. އަދި މި މަރުކާގެ ބޯޓުތައް ވަނީ ފަސް މިލިއަން ފްލައިޓް ދަތުރުކޮށްފައެވެ. އެއީ ގާތްގަނޑަކަށް 30 މިލިއަނަށް ވުރެ ގިނަ ފްލައިޓް އަވާސް އެވެ.