ENGLISH
02 ޖުލައި 2025
އާ ހުށަހެޅުމަށް އެއްބަސްނުވެއްޖެނަމަ، ޙަމާސް ނެތިކޮށްލާނެކަމުގެ އިންޒާރު އިޒްރޭލުން ދީފި
31 މޭ 2025
|
ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަޞްލު ހޭދަކުރުމުގެ ޢުދުވާނުތައް އަލުން ހުއްޓާލައި، ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ބާކީ ތިބި އަސީރުން މިނިވަންކުރަން އެމެރިކާއިން އިސްވެ ހުށަހަޅާފައިވާ އާ ހުށަހެޅުމަށް އެއްބަސްނުވެއްޖެނަމަ، އެ ޖަމާޢަތް ނެތިކޮށްލާނެކަމުގެ އިންޒާރު އިޒްރޭލުން ދީފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޙާއްސަ މަންދޫބު، ސްޓީވް ވިޓްކޮފް އިސްވެ ހުށަހަޅުއްވާ ހުށަހެޅުމުގައި، ޣައްޒާގައި ޙަމަލާތައް ބަދަލުކުރުން 60 ދުވަހަށް ހުއްޓައިލުމުގެ އިތުރުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 100 އެއްހާ އަސީރުން މިނިވަންކުރުން ހިމެނޭކަމަށް އެކި މަސްދަރުތަކުން ބުނެއެވެ. އަދި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ 1،000 އަށް ވުރެ ގިނަ ޤައިދީން މިނިވަންކުރުން ވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.
ހުށަހެޅުމަށް އިޒްރޭލުން އެއްބަސްވެފައިވާކަމަށް ވައިޓް ހައުސްއިން ބުނެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ޙަމާސްގެ ރުހުން ވެސް ހޯދައި، އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިފައިވާ ކަމަށެވެ.
ނަމަވެސް، އެމެރިކާއިން ހުށަހަޅާފައިވާ އާ ހުށަހެޅުމުގައި، ޙަމާސް ޖަމާޢަތުގެ ޝަރުތުތައް ހިމަނާފައިނުވާ ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.
ޙަމާސްގެ ތަރުޖަމާނު ބައްސާމް ނާއިމް ވިދާޅުވީ ވިޓްކޮފްގެ ފަރާތުން އެ ހުށަހެޅުން ރަސްމީކޮށް ލިބިފައިވިޔަސް، އެ ހުށަހެޅުމުގައި ޣައްޒާގެ ރައްޔިތުން ހައްޤުތައް ކަށަވަރުވާ ގޮތަށް، ޙަމާސްއިން ޝަރުތުކުރާ ކަންކަން ނުހިމެނޭ ކަމަށެވެ.
މިގޮތުން، އިޒްރޭލުން ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައިގެން، އިޒްރޭލުން ހިންގަމުންދާ ޤަތުލުއާންމަށް ދާއިމީ ނިމުމެއް ގެނެވޭނެ އެއްވެސް މަގެއް ވެސް އެ ހުށަހެޅުމުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން، އިޒްރޭލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ބުނީ، އެ ހުށަހެޅުމަށް އެއްބަސްވާން ޙަމާސްއިން ދެކޮޅު ހަދާނަމަ، އެ ޖަމާޢަތް މުޅިން ނެތިކޮށްލާނެ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.