ENGLISH

27 ޖުލައި 2026

Advertisement

މާދަމާ އާއި އަނެއް ދުވަހު އުދައިގެ އަސަރު ކުރާވަރު ބޮޑުވާނެ

27 ޖުލައި 2026

|

ޙުސައިން މަޚްތޫމް

މޫސުން ގޯސްވުމުގެ ސަބަބުން ރަށަކަށް އުދަ އަރާ ފެން ބޮޑުވެފައި - ފޮޓޯ: ޝިޕްކޯ ކުޑޫ

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މާދަމާ އާއި އޭގެ އަނެއް ދުވަހު އުދައިގެ އަސަރު ބޮޑަށް ކުރާނީ އާންމުކޮށް އުދަ އަރާ ރަށްތަކަށް ކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެއެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ވައިގެ ބާރުމިން 30 މޭލަށް ގަދަވާނެ ކަމަށް ބެލެވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ. ހާއްސަކޮށް ފުލްމޫން ނުވަތަ ހަނދު ބޮޑުވާ ދުވަސްވަރާ ދިމާކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ އިދާރާއިން ފާހަގަކުރެއެވެ.

މާދަމާ ނޫން އަނެއް ދުވަހަކީ ހަނދު އެންމެ ބޮޑުކޮށް ހުންނާނެ ދުވަސް ކަމަށްވާތީ، އެ ދުވަހު ރާޅު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މާލެއަށް މާދަމާ އާއި އޭގެ އަނެއް ދުވަހުވެސް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކޮށްފައިވެއެވެ.

ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވޭ މިންވަރަށް ބަލާއިރު، އުތުރުގެ އަތޮޅުތަކުގައި މިއަދު 2.4 ފޫޓުގައި ހުރި ދިޔަވަރު މާދަމާ 2.6 ފޫޓަށް އުފުލޭނެއެވެ. މެދުރާއްޖެތެރޭގައި މިއަދު 2.3 ފޫޓުގައި ހުރި ދިޔަވަރު މާދަމާ 2.5 ފޫޓަށް އުފުލޭނެ ކަމަށް ބެލެވޭއިރު، ދެކުނުގެ އަތޮޅުތަކުގައި މިއަދު 2.6 ފޫޓުގައި ހުރި ދިޔަވަރު މާދަމާ 2.8 ފޫޓަށް ބޮޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު