ENGLISH
02 ޖުލައި 2025
ޕާކިސްތާނާއެކު ޙަމަލާ ބަދަލުކުރުމުގެ ތެރެއިން އަސްކަރީ މަތިންދާބޯޓެއް ވެއްޓުނުކަމަށް އިންޑިޔާއިން އެއްބަސްވެއްޖެ
31 މޭ 2025
|
އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު މި މަހުގެ ތެރޭގައި ޙަމަލާތައް ބަދަލުކުރުމުގެ ތެރެއިން، އިންޑިޔާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓުނުކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ.
އިންޑިޔާގެ ކަޝްމީރުގައި ދިން ނިރުބަވެރި ހަމަލާއެއްގައި 26 ހިންދޫ ޓޫރިސްޓުން މަރައިލުމާ ގުޅިގެން އިންޑިޔާއިން ވަނީ އެ ހަމަލާއާ ގުޅުންހުރި ހަނގުރާމަވެރިން ހަރަކާތްތެރިވާ ތަންތަންކަމަށް ގަބޫލުކުރެވޭ ޕާކިސްތާނުގެ އެތެރޭގެ ބައެއް ތަންތަނަށް ވައިގެ ޙަމަލާތައް ދީފައެވެ.
އޭގެ ރައްދުގައި، ޕާކިސްތާނުން ވެސް ވަނީ އިންޑިޔާގެ ކަޝްމީރު ސަރަޙައްދުގެ ބައެއް ހިސާބުތަކަށް ވައިގެ ޙަމަލާތައް ދީފައެވެ.
އެ ޙަމަލާތަކުގެ ތެރެއިން، އިންޑިޔާގެ އަސްކަރީ ހަ މަތިންދާބޯޓެއް ވައްޓައިލެވުނުކަމަށް ޕާކިސްތާނުން މީގެކުރިން ބުނެފައިވިޔަސް، އެކަން އިންޑިޔާއިން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެކަމާ ގުޅިގެން، އިންޑިޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް އަނިލް ޗައުހާން ވަނީ ހަ މަތިންދާބޯޓު ވައްޓައިލިކަމަށް ޕާކިސްތާނުން ބުނާ ވާހަކަތައް ފުރަތަމަ ފަހަރަށް ދޮގުކުރައްވައިފައެވެ.
ނަމަވެސް، އެކަމާގުޅޭގޮތުން އިތުރަށް ސުވާލުކުުރުމުން، އޭނާ ވަނީ އިތުރު ތަފްޞީލެއް ނުދެއްވައި، މަތިންދާބޯޓެއް ވައްޓައިލިކަމުގެ އިޝާރާތެއް ދެއްވައިފައެވެ.
ޑްރޯނާއި ބަރުހަތިޔާރު ބޭނުންކޮށްގެން، ދެ ފަރާތުން ބަދަލުކުރި ޙަމަލާތަކުގައި 70 އެއްހާ މީހުން ވަނީ މަރުވެފައެވެ.
ހަތަރު ދުވަހަށް ދިގުދެމިގެންދިޔަ މި ކުރިމަތިލުންތަކަށްފަހު، އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށް އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ޙަމަލާތައް ހުއްޓާލާފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.