ENGLISH

02 ޖުލައި 2025

Advertisement

އެހީ ބަހަން ޖަމްޢިއްޔާއެއް އުފެއްދީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުން ސަމާލުކަން އަނބުރައިލަން: އަންރުވާ

29 މޭ 2025

|

ހަސަން އާމިރު

އެމެރިކާއިން ފަހަތުގައި އޮވެ، ޖަމްޢިއްޔާއެއް އުފައްދައިގެން ފަލަސްޠީނުގެ ޣައްޒާގައި އެހީ ބެހުމުގެ މަސައްކަތް ފެށީ، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަމާލުކަން އަނބުރައިލުމަށް ކަމަށް، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. އިން އުފައްދާފައިވާ އިދާރާ (އަންރުވާ)އިން ބުނެފިއެވެ.

ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު އުފެއްދި ޖަމްޢިއްޔާއިން އެހީ ބެހުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހު ވަނީ ފަށައިފައެވެ.

ފާއިތުވި ދެ ދުވަސް ތެރޭގައި ޣައްޒާގެ ދެކުނުގެ ރަފާޙްގައި އެހީ ބެހުމަށް ކަނޑައެޅި ސަރަޙައްދުތަކަށް އެއްވި މީހުން ތެރެއަށް އިޒްރޭލު ސިފައިން ބަޑި ޖެހުމުން 10 މީހަކު މަރުވެ، 60 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ނަމަވެސް ޖީއެޗްއެފުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އިޒްރޭލު ސިފައިން ބަޑިޖެހީ، އެހީ ބަހަމުން ދިޔަ ވަގުތު ބަޔަކު އަރައިގަތުމުން ހަމައެކަނި އިންޒާރު ދިނުމުގެ ގޮތުން ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

އަންރުވާގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވިދާޅުވީ، އިއްޔެ އެކަނިވެސް، ހައިހޫނުކަމުގައި ތިބި އެތައް ހާސް ބަޔަކު ފެންސުތަކުގެ މަތިން އަރައިގެން އުޅެންޖެހުނު ހިތްދަތި މަންޒަރުތައް ފެނިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޣައްޒާގައި އެހީ ބެހުމަށް އދ. އިން އިސްވެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށްފައިވަނިކޮށް، އާ ޖަމްޢިއްޔާއެއް އުފައްދައިގެން އެ މަސައްކަތް ފެށީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ފޮރުވުމުގެ ބޭނުމުގައެވެ.

ޖީއެޗްއެފް އުފެއްދީ، ޣައްޒާގައި އެހީ ބެހުން ވެސް އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ކަމަށް ބުނެ، އދ.ގެ އިތުރުން ބައިނަލްއަޤުވާމީ އެހެން ޖަމްޢިއްޔާތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެހީ ބެހުމުގެ މަސައްކަތް ފެށުމަށް ޖީއެޗްއެފުން ތައްޔާރުވެފައިވަނިކޮށް، އެ ޖަމްޢިއްޔާގެ ވެރިޔާ ވެސް ވަނީ އިސްތިޢުފާ ދީފައެވެ.

ޖީއެޗްއެފްގެ އެގްޒެކަޓިވް ޑިރެކްޓަރ ޖޭކް ވުޑް އިސްތިޢުފާ ދިނީ، ޣައްޒާގައި އެހީ ބެހުމުގެ މަސައްކަތް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރެވޭނެ ކަމަށް ޤަބޫލުނުކުރެވޭތީ ކަމަށް ބުނެއެވެ.

ކާބޯތަކެއްޗާއި ބޭސް ޣައްޒާއިން މުޅިންހެން ހުސްވެ، އެތަނުގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުން ބަނޑަށްޖެހޭނެކަމުގެ އިންޒާރު ދޭން ފެށުމުން، އިޒްރޭލުން މިހާރު ވަނީ އެހީ ވެއްދުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ދީފައެވެ.

ނަމަވެސް، އިޒްރޭލުން ރާވާފައި ވަނީ ޣައްޒާއަށް ކިރިޔާ ފުދޭވަރަށް އެހީ ވައްދަން ފުރުޞަތު ދޭ ގޮތަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު