ENGLISH
02 ޖުލައި 2025
ބޭރުގެ ޤައުމުތަކުގެ ދަރިވަރުންނަށް ވިސާ ދިނުން އެމެރިކާއިން މެދުކަނޑާލައިފި
28 މޭ 2025
|
އެމެރިކާގައި ތަޢުލީމު ހާޞިލުކުރާ ބޭރު ޤައުމުތަކުގެ ދަރިވަރުންނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ބޭރުގެ ދަރިވަރުންނަށް ވިސާ ދިނުން އެމެރިކާ ސަރުކާރުން މެދުކަނޑާލައިފިއެވެ.
އެމެރިކާގެ ރައީސްކަމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ދަރިވަރުންނަށް ދަތިކުރަން ފެށީ، ފަލަސްޠީނުގެ ޣައްޒާގައި ހިންގާ ޤަތުލުޢާންމާ ދެކޮޅަށް އެމެރިކާގައި ދަރިވަރުން އިސްވެ ކުރި މުޒާހަރާތަކާ ގުޅިގެންނެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ، ބޭރު ޤައުމުތަކުގައި ހުންނަ އެމެރިކާ އެމްބަސީތަކަށް ފޮނުއްވި ލިޔުމެއްގައި ވަނީ މި ވަގުތަށް ދަރިވަރުންނަށް ވިސާ ދިނުން މަޑުޖައްސައިލަން އަންގަވައިފައެވެ.
މީގެއިތުރުން، ވިސާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ސޯޝަލް މީޑިޔާގެ ހަރަކާތްތައް އިތުރަށް މޮނީޓާކުރަން ބޭނުންވާ ކަމަށް ވެސް ރޫބިޔޯގެ އެ އެންގުމުގައިވެއެވެ.
ޔަހޫދީ ދަރިވަރުންނަށް ފުރައްސާރަކުރި ކަމުގެ ނަމުގައި، ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރި ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ވެސް ޓްރަމްޕްގެ ސަރުކާރުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.
މިގޮތުން، ހާވަޑް ޔުނިވަރސިޓީއަށް ސަރުކާރުން ދޭ 2.2 ބިލިއަން ޑޮލަރުގެ ބަޖެޓުގެ އިތުރުން 60 މިލިއަން ޑޮލަރުގެ ސަރުކާރުގެ ކޮންޓްރެކްޓުތައް ވެސް ވަނީ ހިފަހައްޓައިފައެވެ.
މީގެއިތުރުން، އެ ޔުނިވަރސިޓީއަށް ބޭރުގެ ޤައުމުތަކުގެ ދަރިވަރުންނަށް ފުރުޞަތު ދިނުން ވެސް ސަރުކާރުން މަނާކުރިއެވެ.
ނަމަވެސް، އެ ނިންމުން ކޯޓުން ވަނީ މި ވަގުތަށް މަޑުޖައްސައިލަން އަމުރުކޮށްފައެވެ.
ހާވާޑް ޔުނިވަރސިޓީއާ މެދު ޓްރަމްޕްގެ ސަރުކާރުން ހިތްހަމަނުޖެހުނީ، ޔުނިވަރސިޓީ ހިންގުމާއި އެތަނަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރާ އުސޫލުތައް ބަދަލުކުރުމަށް ޓްރަމްޕުގެ ސަރުކާރުން އެންގި އެންގުންތަކަށް ޢަމަލުކުރަން ދެކޮޅު ހެދުމުންނެވެ.
ސަރުކާރުން ހާވާޑަށް ފޮނުވި ސިޓީގައި ޑިމާންޑްކޮށްފައިވާ ކަންކަމުގެ ތެރޭގައި ޖިންސީ އަދި ފިކުރީ ވިސްނުންތަކަށް ބެލުމެއް ނެތި ދަރިވަރުންނަށް ފުރުޞަތު ދިނުން ހުއްޓާލުމާއި ބޭރުގެ ދަރިވަރުންގެ ތެރެއިން "ޓެރަރިޒަމާއި ޔަހޫދީންނާ މެދު ނަފްރަތު އުފެދޭ ފިކުރަށް ތާއީދުކުރާ ދަރިވަރުން" ޔުނިވަސިޓީއަށް ނުވެއްދުމާއި މުވައްޒަފުން ނެގުމުގައި ވެސް މިފަދަ އުޞޫލުތައް ގެންގުޅުން ހިމެނެއެވެ.