ENGLISH

02 ޖުލައި 2025

Advertisement

ޣައްޒާގައި ބެހި އެހީ ހޯދަން އެއްވި މީހުންގެ ތެރެއަށް ބަޑިޖެހުމުން ދުނިޔޭގެ ފާޑުކިޔުން އިތުރުވެއްޖެ

28 މޭ 2025

|

ހަސަން އާމިރު

ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެއްޗާއި އެހީގެ ސާމާނު ބެހުމަށް އެމެރިކާ އާއި އިޒްރޭލުން އުފައްދާފައިވާ ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ސަރަޙައްދަކަށް އެއްވި މީހުންގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑިޖަހައި، ތިން މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު އުފެއްދި ޖަމްޢިއްޔާއިން އެހީ ބެހުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފައެވެ. މިގޮތުން، އިއްޔެ ޣައްޒާގެ ދެކުނުގެ ރަފާޙްގައި އެހީ ބެހުމަށް ކަނޑައެޅި ސަރަޙައްދަށް އެއްވި މީހުން ތެރެއަށް އިޒްރޭލު ސިފައިން ބަޑި ޖެހުމުން 46 މީހަކު ޒަޚަމްވެ، އިތުރު ހަތް މީހަކު ގެއްލިފައިވާކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުންޏެވެ.

ނަމަވެސް ޖީއެޗްއެފުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އިޒްރޭލު ސިފައިން ބަޑިޖެހީ، އެހީ ބަހަމުން ދިޔަ ވަގުތު ބަޔަކު އަރައިގަތުމުން ހަމައެކަނި އިންޒާރު ދިނުމުގެ ގޮތުން ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

ޖީއެޗްއެފް އުފެއްދީ، ޣައްޒާގައި އެހީ ބެހުން ވެސް އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ކަމަށް ބުނެ، އދ.ގެ އިތުރުން ބައިނަލްއަޤުވާމީ އެހެން ޖަމްޢިއްޔާތަކުން ވެސް ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

މި ހާދިސާއާ އެކު ބައިނަލްއަޤުވާމީ އެކި ފަރާތްތަކުގެ ކަންބޮޑުވުން މިހާރު ވަނީ އިތުރަށް ބޮޑުވެފައެވެ.

އެހީ ބެހުމުގެ މަސައްކަތް ފެށުމަށް ޖީއެޗްއެފުން ތައްޔާރުވެފައިވަނިކޮށް، އެ ޖަމްޢިއްޔާގެ ވެރިޔާ ވެސް ވަނީ އިސްތިޢުފާ ދީފައެވެ.

ޖީއެޗްއެފްގެ އެގްޒެކަޓިވް ޑިރެކްޓަރ ޖޭކް ވުޑް އިސްތިޢުފާ ދިނީ، ޣައްޒާގައި އެހީ ބެހުމުގެ މަސައްކަތް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރެވޭނެ ކަމަށް ޤަބޫލުނުކުރެވޭތީ ކަމަށް ބުނެއެވެ.

ކާބޯތަކެއްޗާއި ބޭސް ޣައްޒާއިން މުޅިންހެން ހުސްވެ، އެތަނުގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުން ބަނޑަށްޖެހޭނެކަމުގެ އިންޒާރު ދޭން ފެށުމުން، އިޒްރޭލުން މިހާރު ވަނީ އެހީ ވެއްދުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ދީފައެވެ.

ނަމަވެސް، އިޒްރޭލުން ރާވާފައިވަނީ ޣައްޒާއަށް ކިރިޔާ ފުދޭވަރަށް އެހީ ވައްދަން ފުރުޞަތު ދޭ ގޮތަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު