ENGLISH
02 ޖުލައި 2025
ޣައްޒާގައި ޙަމަލާތައް ހުއްޓައިލަން އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ޙަމާސްއިން އެއްބަސްވި ވާހަކަ ދޮގުކޮށްފި
27 މޭ 2025
|
ފަލަސްޠީނުގެ ޣައްޒާގައި ޙަމަލާތައް ހުއްޓާލައި، ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި މިހާރު ތިބި އަސީރުންގެ ތެރެއިން 10 މީހަކު މިނިވަންކުރަން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އެ ޖަމާޢަތުން އެއްބަސްވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެމެރިކާއިން ދޮގުކޮށްފިއެވެ.
އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ ޙާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްގެ އާ ހުށަހެޅުމަކީ ދެ ފަހަރެއްގެ މަތިން އިޒްރޭލުގެ 10 އަސީރުން މިނިވަންކުރާ ނަމަ 70 ދުވަހަށް ޙަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމެކެވެ.
މެދުވެރިންގެ ފަރާތުން ލިބިފައިވާ އެ ހުށަހެޅުމަށް ޙަމާސްއިން އެއްބަސްވެފައިވާ ކަމަށް އެ ޖަމާޢަތުގެ އިސް އޮފިޝަލަކާ ޙަވާލާދީ އޭއެފްޕީ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
ނަމަވެސް، ވިޓްކޮފްގެ ތަރުޖަމާނަކާ ޙަވާލާދީ އެ ނޫހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
މިގޮތުން، އާ ހުށަހެޅުމަށް ޙަމާސްއިން އެއްބަސްނުވެ، ޣައްޒާގައި ސުލްޙަ ޤާއިމުކުރަން ޙަމާސްގެ ޝައުގުވެރިކަން ނެތުމުން ވިޓްކޮފް ހިތާމަކުރައްވާ ކަމަށް ވެސް ބުނެފައިވެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.
ޣައްޒާގައި އަލުން ސުލްޙަ ޤާއިމުކުރުމަށް އެމެރިކާގެ އިތުރުން މިޞްރާއި ޤަތަރު މެދުވެރިވެގެން އިޒްރޭލާއި ޙަމާސް އާ ދެމެދު މަޝްވަރާތައް ކުރެވެމުންދިޔަ ނަމަވެސް، އަދި މިހާތަނަށް އެ މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.