ENGLISH
02 ޖުލައި 2025
ޣައްޒާގައި އެހީ ބެހުމަށް އެމެރިކާ ފަހަތުގައިި އޮވެ އުފެއްދި ޖަމްޢިއްޔާގެ ވެރިޔާ އިސްތިޢުފާ ދީފި
27 މޭ 2025
|
ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެއްޗާއި އެހީގެ ސާމާނު ބެހުމަށް އެމެރިކާ އާއި އިޒްރޭލުން އުފައްދާފައިވާ ޖަމްޢިއްޔާއިން އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވަނިކޮށް، އެ ޖަމްޢިއްޔާގެ ވެރިޔާ އިސްތިޢުފާ ދީފިއެވެ.
ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު އުފެއްދި ޖަމްޢިއްޔާގެ އެގްޒެކަޓިވް ޑިރެކްޓަރ ޖޭކް ވުޑް އިސްތިޢުފާ ދިނީ، މި މަސައްކަތް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރެވޭނެ ކަމަށް ޤަބޫލުނުކުރެވޭތީ ކަމަށް ބުނެއެވެ.
ވުޑް ނެރުނު ބަޔާނެއްގައި ބުނީ، އިންސާނީ އެހީގެ މަސައްކަތުގެ ތަޖުރިބާއަށް ބަލައި، ޖީއެޗްއެފް ހިންގުމާ ޙަވާލުވާން އެއްބަސްވީ، ޣައްޒާގައި އޮތް ނިކަމެތި ޙާލަތާ ގުޅިގެން، އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ނިކަމެތި ޙާލަށް އެކަށީގެންވާ ލުޔެއް ގެނެވޭނެ ކަމަށް ޤަބޫލުކޮށްގެން ކަމަށެވެ.
ނަމަވެސް، އިންސާނީ ޙައްޤުތަކާ ބެހޭ އުޞޫލުތަކާ އެއްގޮތަށް، މިނިވަންކަމާއި، އިންސާފުވެރިކަމާއި، ހަމަހަމަކަމާ އެކު އެހީ ބެހުމުގެ ފުރުޞަތު ލިބޭނެކަމަށް ޤަބޫލުނުކުރެވޭ ކަމަށް އިސްތިޢުފާ ދިނުމަށްފަހު ވުޑް ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ވުޑް އިސްތިޢުފާ ދިނަސް، އެހީ ބެހުމުގެ މަސައްކަތަށް ބުރޫ ނާރާނެކަމަށް ޖީއެޗްއެފުން ވަނީ ޔަޤީންކަން ދީފައެވެ.
އެގޮތުން، މިއަދުގެ ވަގުތެއްގައި ޣައްޒާގައި އެހީ ބެހުމުގެ މަސައްކަތް ޖީއެޗްއެފުން ފަށާނެކަމަށް ވެސް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.
އެއްގަމާއި ވައިގެ މަގުން ޣައްޒާއަށް އަރައިގަނެ، ދުވާލަކު އެތައް ސަތޭކަ މައުސޫމް ރައްޔިތުން ޝަހީދުކުރުމުގެ އިތުރުން، މިދިޔަ މާޗް 2 ވަނަ ދުވަހުން ފެށިގެން، އިޒްރޭލުން ވަނީ ޣައްޒާއަށް އެހީ ވެއްދުމުގެ ހުރިހާ މަގުތަކެއް ވެސް ބަންދުކޮށްފައެވެ.
ކާބޯތަކެއްޗާއި ބޭސް ޣައްޒާއިން މުޅިންހެން ހުސްވެ، އެތަނުގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުން ބަނޑަށްޖެހޭނެކަމުގެ އިންޒާރު ދޭން ފެށުމުން، އިޒްރޭލުން މިހާރު ވަނީ އެހީ ވެއްދުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ދީފައެވެ.
ނަމަވެސް، އިޒްރޭލުން ރާވާފައިވަނީ ޣައްޒާއަށް ކިރިޔާ ފުދޭވަރަށް އެހީ ވައްދަން ފުރުޞަތު ދޭ ގޮތަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.