ENGLISH

02 ޖުލައި 2025

Advertisement

އިޒްރޭލުގެ ޢުދުވާނުތަކަށް ހުއްޓުމެއްނެތް، ޣައްޒާގެ ސްކޫލަކަށް ބޮން އަޅައި 13 މީހަކު ޝަހީދުކޮށްލައިފި

26 މޭ 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތް ނައްތާލުމުގެ ނަމުގައި، އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންދާ ޢުދުވާނުތަކުގައި، މިއަދު ފަތިހު ވެސް ޣައްޒާގެ ސިޓީ ސްކޫލަށް ބޮން އަޅައި، 13 މީހަކު ޝަހީދުކޮށްލައިފިއެވެ.

ފަހްމީ އަލް ޖަރްޖާވީ ސްކޫލަށް ދިން މި ޙަމަލާގައި 21 މީހަކު ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ދިފާޢީ އިދާރާއިން ބުންޏެވެ.

ފާއިތުވި ހަފްތާތަކުގައި ޣައްޒާއަށް ދޭ ޢުދުވާނުތައް އިޒްރޭލުން ފުޅާކޮށްފައިވާއިރު، ޣައްޒާގައި އޮތް ނިކަމެތި އަދި ބިރުވެރި ޙާލަތާ ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ދަނީ އިންތިހާއަށް ކަންބޮޑުވުންފާޅުކުރަމުންނެވެ.

އޭގެތެރޭގައި އިޒްރޭލަށް މީގެ ކުރިން ވާގިވެރިވަމުންދިޔަ ޔޫރަޕުގެ ބޮޑެތި ޤައުމުތައް ވެސް ހިމެނެއެވެ.

ސްޕެއިންގެ ޚާރިޖީ ވަޒީރު ވެސް އިއްޔެ ވަނީ ޣައްޒާއަށް ދެމުންދާ ޢުދުވާނުތައް ހުއްޓުވަން، އިޒްރޭލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ގޮވާލައްވައިފައެވެ.

އެއްގަމާއި ވައިގެ މަގުން ޣައްޒާއަށް އަރައިގަނެ، ދުވާލަކު އެތައް ސަތޭކަ މައުސޫމް ރައްޔިތުން ޝަހީދުކުރުމުގެ އިތުރުން، މިދިޔަ މާޗް 2 ވަނަ ދުވަހުން ފެށިގެން، އިޒްރޭލުން ވަނީ ޣައްޒާއަށް އެހީ ވެއްދުމުގެ ހުރިހާ މަގުތަކެއް ވެސް ބަންދުކޮށްފައެވެ.

ކާބޯތަކެއްޗާއި ބޭސް ޣައްޒާއިން މުޅިންހެން ހުސްވެ، އެތަނުގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުން ބަނޑަށްޖެހޭނެކަމުގެ އިންޒާރު ދޭން ފެށުމުން، އިޒްރޭލުން މިހާރު ވަނީ އެހީ ވެއްދުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ދީފައެވެ.

ނަމަވެސް، އިޒްރޭލުން ރާވާފައިވަނީ ޣައްޒާއަށް ކިރިޔާ ފުދޭވަރަށް އެހީ ވައްދަން ފުރުޞަތު ދޭ ގޮތަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު