ENGLISH
02 ޖުލައި 2025
އޮސްޓްރޭލިޔާގައި ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ބޮޑުވަޒީރަކަށް އަލްބަނީސް
04 މޭ 2025
|
އޮސްޓްރޭލިޔާގެ ސިޔާސީ ތާރީޚުގައި، ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ބޮޑުވަޒީރުގެ ލަޤަބު، އެތަނީ އަލްބަނީސް ހޯއްދަވައިފިއެވެ.
މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި އޮސްޓްރޭލިޔާގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު ޖެހިޖެހިގެން ދެ ދައުރު ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރެވެ.
އޮސްޓްރޭލިޔާގެ އާންމު އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ 150 ގޮނޑީގެ ތެރެއިން 81 ގޮނޑި އަލްބަނީސް ނިޞްބަތްވެވަޑައިގަންނަވާ ލޭބަރ ޕާޓީން ކާމިޔާބު ކުރާނެ ކަމަށް ބެލެވެއެވެ.
މިއީ، މިހާރު އެ ޕާޓީއަށް ލިބިފައިވާ ގޮނޑީގެ އަދަދަށްވުރެ އިތުރު އަދަދެކެވެ.
އިންތިޚާބުގެ ކާމިޔާބީ އިޢުލާނު ކުރައްވައި އަލްބަނީސް ވިދާޅުވީ އިތުރު ޕާޓީއަކާ އިއްތިޙާދެއް ޤާއިމު ކުރަން ނުޖެހޭ އަދަދަށް އޭނާގެ ޕާޓީއަށް ގޮނޑި ކާމިޔާބުވެފައިވާ ކަމަށެވެ. އަދި މި ފެށޭ އާ ދައުރުގައި ސަރުކާރުން ޚިޔާރު ކުރާނީ އޮސްޓްރޭލިޔާގެ އަމިއްލަވަންތަކަން އެހެން ޤައުމުތަކުގެ ސިޔާސަތުތަކާއި ފިކުރަށް ތަބާ ނުވާނެ ކަމުގެ ޔަޤީންކަން އަލްބަނީސް ވަނީ ދެއްވައިފައެވެ.
މި އިންތިޚާބުގައި އޮސްޓްރޭލިޔާގެ އިދިކޮޅު ލީޑަރު، ޕީޓަރ ޑަޓަންއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ޤާނޫނު ހަދާ މަޖިލީހުގައި އޭނާ ފުރުއްވަމުން ގެންދެވި ކުއިންސްލެންޑުގެ ޑިކްސަންެގެ ގޮނޑި ވަނީ 20 އަހަރަށް ފަހު ގެއްލިވަޑައިގެންފައެވެ.