ENGLISH
02 ޖުލައި 2025
އެންމެ ތިން ދުވަހަށް ޙަމަލާތައް ހުއްޓާލައިގެން "ކުޅިވަރު" ކުޅުއްވަން ޒެލެންސްކީ ބޭނުންފުޅެއް ނޫން
04 މޭ 2025
|
ރަޝިޔާއިން ހުށަހަޅާފައިވާ ގޮތަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެންމެ ތިން ދުވަހަށް ޙަމަލާތައް ހުއްޓާލައިގެން "ކުޅިވަރު" ކުޅެން ބޭނުންނުވާކަމަށް ވިދާޅުވެ، އެ ހުށަހެޅުމަށް އިޖާބަ ދޭން ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ ދެކޮޅު ހައްދަވައިފިއެވެ.
ރަޝިޔާ ސަރުކާރުން ވަނީ މި ހިނގާ މެއި މަހުގެ 8 އިން 11 އަށް ޔޫކްރޭނަށް ޙަމަލާދިނުން މެދުކަނޑައިލަން ނިންމައިފައެވެ. އެއީ ދެވަނަ ބޮޑުހަނގުރާމަ ނިމުމަކަށް އައުން ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަސްކޮޅެވެ.
ރަޝިޔާއިން ކުރި މި އިޢުލާނާ ގުޅިގެން، ޔޫކްރޭނުން ވަނީ މަދުވެގެން 30 ދުވަހަށް ޙަމަލާތައް ހުއްޓައިލަން އެއްބަސްވުމަށް ރަޝިޔާއަށް ގޮވާލައިފައެވެ.
ނަމަވެސް، ސުލްޙައިގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދައި، ރަޝިޔާއިން ބުނެފައިވަނީ، ތިން ދުވަހުގެ މުއްދަތަށް ޙަމަލާތައް މެދުކަނޑައިލަނީ، ދިގު މުއްދަތަކަށް ސުލްޙަ ދެމެހެއްޓުމަށް ދެ ޤައުމު ވެސް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރަން ކަމަށެވެ.
ރަޝިޔާގެ އެ ސިފަކުރުމަށް ޒެލެންސްކީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި، އެންމެ ތިން ދުވަހަށް ޙަމަލާތައް މެދުކަނޑާލައިގެން، ދާއިމީ ސުލްޙަ ޤާއިމުކުރުމާ ހަމައަށް ދެވޭނެ ހަރުދަނާ ޕްލޭނެއް އެކުލަވައިލުމަށް ފުރުޞަތު ނުލިބޭނެއިރު، ރަޝިޔާއިން އެންމެ ތިން ދުވަހަށް ޙަމަލާތައް މެދުކަނޑާލައިގެން އުޅެނީ "ކުޅިވަރު" ކުޅޭށެވެ.
އެހެންކަމުން، ރަޝިޔާއިން މި ކުޅޭ ކުޅިވަރުގައި ޔޫކްރޭނުން ބައިވެރިނުވާނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
މި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެންނަން އެމެރިކާއިން އިސްވެ މަސައްކަތް ކުރަމުންދާއިރު، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓައިލުމުގެ މައިގަނޑު ކަންތައްތަކަށް ވަނީ އެއްބަސްވެފައެވެ.
އަދި އެ މަނިކުފާނު ވަނީ ރަޝިޔާ އާއި ޔޫކްރޭނުގެ އެންމެ މަތީ ފަންތީގެ އޮފިޝަލުން ބައްދަލުކުރައްވައި، އެ އެއްބަސްވުން ކޮޅެއްގައި ޖައްސަން ގޮވާލައްވައިފައެވެ.
ވެރިކަމަށް ވަޑައިގަންނަވާތާ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި މި ހަނގުރާމަ ނިމުމަކަށް ގެންނަވާނެކަމަށް ޓްރަމްޕް ވަނީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.
ނަމަވެސް، އެކަން ހާޞިލްނުވެ ދިގުލައިގެން ދިޔުމުގެ ސަބަބުން، ޓްރަމްޕް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެކި ފަހަރު މަތިން ރަޝިޔާގެ އިތުރުން ޔޫކްރޭނަށް ވެސް އިންޒާރުތައް ދެއްވައިފައެވެ.