ENGLISH
02 ޖުލައި 2025
ޔަމަނުގެ ބަނދަރަށް އެމެރިކާއިން އަނެއްކާވެސް ޙަމަލާދީފި
03 މޭ 2025
|
ޔަމަނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ހޫތީ ޖަމާޢަތަށް އަމާޒުކޮށް، ޔަމަނުގެ ތެޔޮ ބަރުކުރާ ބަނދަރަކަށް އެމެރިކާއިން އަނެއްކާވެސް ޙަމަލާދީފިއެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު ޔަމަނުގެ ރަސް އިއްސާ ބަނދަރަށް އެމެރިކާއިން ދިން ވައިގެ ޙަމަލާތަކުގައި 80 އެއްހާ މީހުން ވަނީ މަރުވެފައެވެ. އެ ޙަމަލާތަކުގައި އިތުރު 150 މީހަކު ވަނީ ޒަޚަމްވެފައެވެ.
ހޫތީން ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، އެމެރިކާއިން ރަސް އިއްސާ ބަނދަރަށް ހަތް މިސައިލް ޙަމަލާދީފައިވާ ކަމަށެވެ.
ނަމަވެސް، ފަހުން ދިން ޙަމަލާތަކުގައި މީހަކަށް ގެއްލުމެއްވި ކަމެއް އަދި ނޭނގެއެވެ.
އެމެރިކާއިން އެ ބަނދަރަށް ޙަމަލާދީފައި ވަނީ، އިޒްރޭލަށް އަމާޒުކޮށް ހޫތީން މިސައިލް ޙަމަލާތަކެއް ފޮނުވާލާފައިވަނިކޮށެވެ.
އެ މިސައިލްތައް އިޒްރޭލުގެ ވަރުގަދަ ދިފާޢީ ނިޒާމުން ވަނީ ވައްޓާލައިފައެވެ.
އީރާނުން ވާގިވެރިވާ ހޫތީންނާ ދެކޮޅަށް އެމެރިކާއިން ވަނީ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފައެވެ.
މި އޮޕަރޭޝަން ފެށީ، ރަތްކަނޑު ހުރަސްކޮށް ދަތުރުކުރާ އެމެރިކާ އަދި ރަހުމަތްތެރި ޤައުމުތަކުގެ އުޅަނދުތަކަށް ހޫތީން ޙަމަލާ ދެމުންދާތީ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
އޭގެ ރައްދުގައި، ހޫތީން ވަނީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ އަސްކަރީ އުޅަނދުތަކަށް ޙަމަލާތައް އަމާޒުކޮށްފައެވެ.
ނަމަވެސް، އެ ޙަމަލާތަކުގައި މާބޮޑު ގެއްލުމެއް ނުލިބޭކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
އިޒްރޭލުން ޣައްޒާއަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޙަމަލާތައް ދޭން ފެށުމާއެކު، އެ ޢުދުވާނުގެ ރައްދުގައި ހޫތީން ވަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައެވެ. މިގޮތުން މިހާތަނަށް 190 އަށް ވުރެ ގިނަ އުޅަނދަށް ޙަމަލާދީފައިވާއިރު، އިޒްރޭލަށް އަމާޒުކޮށް ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ވެސް ދީފައިވެއެވެ.