ENGLISH

02 ޖުލައި 2025

Advertisement

ދިގުލާފައިވާ މައުދަނުގެ އެއްބަސްވުމުގައި، ޔޫކްރޭނާއި އެމެރިކާއިން އެންމެ ފަހުން ސޮއިކޮށްފި

01 މޭ 2025

|

ހަސަން އާމިރު

އެތައް މަހަކަށް ދިގުލައިގެންދިޔަ މަޝްވަރާތަކަށްފަހު، ޔޫކްރޭނުގެ އަގުބޮޑު މައުދަނުތަކުން ނަފާ ހޯދުމުގެ އެއްބަސްވުމުގައި އެމެރިކާއާ އެކު ސޮއިކޮށްފިއެވެ.

ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން ފޯރުކޮށްދީފައިވާ އަސްކަރީ އެހީގެ އަގު އަދާކުރަން، ޔޫކްރޭނުގެ އަގުބޮޑު މައުދަނުތައް ދިނުމުގެ އެއްބަސްވުމަކަށް އެމެރިކާއިން ޕްރެޝަރުކުރަން ފެށީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ވަޑައިގެންނެވުމާ އެކުއެވެ.

ޔޫކްރޭނަކީ، މަތިންދާބޯޓާއި، ބެޓެރި، ހަތިޔާރު އަދި އިލެކްޓްރޯނިކްސް އުފެއްދުމުގައި ބޭނުންކުރާ ގްރެފައިޓް، ލިތިއަމް އަދި ޓައިޓޭނިއަމް ފަދަ އަގުބޮޑު މައުދަނުތަކުން މުއްސަނދި ޤައުމެކެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ހަނގުރާމައަށްފަހު، ޔޫކްރޭނު އަލުން އާރާސްތުކުރުމަށް ޚާއްސަ ފަންޑެއް ވެސް ޤާއިމުކުރެވޭނެ ކަމަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުންޏެވެ.

ޔޫކްރޭންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ބޮޑުވަޒީރުގެ ނައިބު ޔޫލިއާ ސްވިރިޑެންކޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފަންޑު މެދުވެރިކޮށް ޔޫކްރޭނު ބައިނަލްއަޤުވާމީ އިންވެސްޓަރުންނަށް ހުޅުވިގެންދާނެ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން، ޔޫކްރޭނުގެ އަގުބޮޑު މައުދަނުތަކުގެ ނަފާ، ބަހާނީ ދެ ޤައުމުގެ ދެމެދުގައި ހަމަހަމައަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެ އެއްބަސްވުމަށް ޢަމަލުކުރެވޭނީ ޔޫކްރޭނުގެ ޤާނޫނު ހަދާ މަޖިލީހުން ރުހުން ލިބިގެން ކަން އޭނާ ފާހަގަކުރެއްވިއެވެ.

މައުދަނުތަކުން ނަފާގެ ހިއްސާއެއް ދިނުމުގެ ބަދަލުގައި، ޔޫކްރޭނުގެ އަސްކަރިއްޔާގެ ޤާބިލުކަން ވަރުގަދަކުރުމަށް އެމެރިކާއިން އެހީވުމަށް ވަނީ ހަމަޖެހިފައެވެ.

މައުދަނުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އޭރު ހަމަޖެހިފައި އޮތީ، މިދިޔަ ފެބްރުއަރީ މަހު ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ނަމަވެސް، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ޓްރަމްޕާއި ޒެލެންސްކީ ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުން ދެ ރައީސުންގެ މެދުގައި ބޮޑު އަރައިރުމަކަށް ބަދަލުވެ، ބައްދަލުވުން ވެސް ކުރުކޮށްލީއެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގެ ބައްދަލުވުން ހޫނުވީ، ރަޝިޔާގެ ރައީސް ވްލެޑެމިޔަރ ޕޫޓިންއާ އެކު މަޝްވަރާ އިސްކޮށް، ސުލްޙަވެރި ޙައްލެއް ގެންނަން ޒެލެންސްކީއަށް ބާރު އަޅަން ފެށުމުންނެވެ.

އެއާ އެކު ދެ ރައީސުންގެ މެދުގައި ބަހުގެ ހޫނު ޙަމަލާތަކެއް ވެސް ބަދަލުކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު