ENGLISH

02 ޖުލައި 2025

Advertisement

ތިން ދުވަހުގެ ބަދަލުގައި 30 ދުވަހަށް ޙަމަލާތައް ހުއްޓައިލަން ރަޝިޔާއިން އެއްބަހެއް ނުވި

30 އޭޕްރީލު 2025

|

ހަސަން އާމިރު

އަންނަ މަހު ތިން ދުވަހަށް ޙަމަލާތައް ހުއްޓައިލުމުގެ ބަދަލުގައި، 30 ދުވަހަށް އެކަން ދަންމައިލުމަށް ޔޫކްރޭނުން ހުށަހެޅި ހުށަހެޅުމަށް ރަޝިޔާއިން ދެކޮޅު ހަދައިފިއެވެ.

ރަޝިޔާ ސަރުކާރުން ވަނީ އަންނަ މަހުގެ 8 އިން 11 އަށް ޔޫކްރޭނަށް ޙަމަލާދިނުން މެދުކަނޑައިލަން ނިންމައިފައެވެ. އެއީ ދެވަނަ ބޮޑުހަނގުރާމަ ނިމުމަކަށް އައުން ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަސްކޮޅެވެ.

ރަޝިޔާއިން ކުރި މި އިޢުލާނާ ގުޅިގެން، ޔޫކްރޭނުން ވަނީ މަދުވެގެން 30 ދުވަހަށް ޙަމަލާތައް ހުއްޓައިލަން އެއްބަސްވުމަށް ރަޝިޔާއަށް ގޮވާލައިފައެވެ.

އެކަމާ ގުޅިގެން، ރަޝިޔާގެ ތަރުޖަމާނު ދިމީޓްރީ ޕެސްކޯވް ވިދާޅުވީ، މި ހަނގުރާމަ އާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ނުލިބެނީސް، ދިގު މުއްދަތަކަށް ޙަމަލާތައް ހުއްޓައިލަން އުނދަގޫ ކަމަށެވެ.

ތިން ދުވަހަށް ޙަމަލާތައް ހުއްޓައިލުމަކީ ސަމާލުކަން އަނބުރައިލުމުގެ އުކުޅެއްގެ ގޮތުގައި، ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ ކުރައްވާފައިވާ ތުހުމަތުތަކަށް ވެސް ޕެސްކޯވް ވަނީ ރައްދު ދެއްވައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ތިން ދުވަހަށް ޙަމަލާތައް ހުއްޓައިލުމަށް ރަޝިޔާއިން ނިންމުމަށް ޔޫކްރޭނުން ވެސް އިޙްތިރާމް ކުރާނެ ކަމަށް ރަސްމީކޮށް އަދިވެސް އެއްޗެއް ބުނެފައިނުވުމަކީ ޔޫކްރޭނުގެ އިޚްލާސްތެރިކަމެއް ނެތް ކަމުގެ ރަމްޒެކެވެ.

މި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެންނަން އެމެރިކާއިން އިސްވެ މަސައްކަތް ކުރަމުންދާއިރު، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓައިލުމުގެ މައިގަނޑު ކަންތައްތަކަށް ވަނީ އެއްބަސްވެފައެވެ.

އަދި އެ މަނިކުފާނު ވަނީ ރަޝިޔާ އާއި ޔޫކްރޭނުގެ އެންމެ މަތީ ފަންތީގެ އޮފިޝަލުން ބައްދަލުކުރައްވައި، އެ އެއްބަސްވުން ކޮޅެއްގައި ޖައްސަން ގޮވާލައްވައިފައެވެ.

ވެރިކަމަށް ވަޑައިގަންނަވާތާ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި މި ހަނގުރާމަ ނިމުމަކަށް ގެންނަވާނެކަމަށް ޓްރަމްޕް ވަނީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

ނަމަވެސް، އެކަން ހާޞިލްނުވެ ދިގުލައިގެން ދިޔުމުގެ ސަބަބުން، ޓްރަމްޕް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެކި ފަހަރު މަތިން ރަޝިޔާގެ އިތުރުން ޔޫކްރޭނަށް ވެސް އިންޒާރުތައް ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު