ENGLISH
02 ޖުލައި 2025
މެއި 8 އިން ފެށިގެން ތިން ދުވަހަށް ޔޫކްރޭނަށް ޙަމަލާ ދިނުން ހުއްޓައިލަން ޕޫޓިން ނިންމަވައިފި
29 އޭޕްރީލު 2025
|
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން. --ފޮޓޯ:ބްލޫމްބާގު
ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، ތިން ދުވަހަށް ޙަމަލާތައް ހުއްޓައިލަން ރަޝިޔާގެ ރައީސް ވްލެޑިމިޔަރ ޕޫޓިން ނިންމަވާފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން އިޢުލާނުކޮށްފިއެވެ.
ރަޝިޔާ ސަރުކާރުން ބުނީ، އަންނަ މަހުގެ 8 އިން 11 އަށް ޔޫކްރޭނަށް ޙަމަލާދިނުން މެދުކަނޑައިލެވޭނެ ކަމަށެވެ. އެއީ ދެވަނަ ބޮޑުހަނގުރާމަ ނިމުމަކަށް އައުން ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަސްކޮޅެވެ.
ރަޝިޔާއިން ކުރި މި އިޢުލާނާ ގުޅިގެން، ޔޫކްރޭނުން ވަނީ މަދުވެގެން 30 ދުވަހަށް ޙަމަލާތައް ހުއްޓައިލަން އެއްބަސްވުމަށް ރަޝިޔާއަށް ގޮވާލައިފައެވެ.
ރަޝިޔާއިން ވަނީ އެ ތިން ދުވަހަށް، ޔޫކްރޭނުން ވެސް ޙަމަލާތައް މެދުކަނޑައިލުމަށް އެދިފައެވެ.
މި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެންނަން އެމެރިކާއިން އިސްވެ މަސައްކަތް ކުރަމުންދާއިރު، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓައިލުމުގެ މައިގަނޑު ކަންތައްތަކަށް ވަނީ އެއްބަސްވެފައެވެ.
އަދި އެ މަނިކުފާނު ވަނީ ރަޝިޔާ އާއި ޔޫކްރޭނުގެ އެންމެ މަތީ ފަންތީގެ އޮފިޝަލުން ބައްދަލުކުރައްވައި، އެ އެއްބަސްވުން ކޮޅެއްގައި ޖައްސަން ގޮވާލައްވައިފައެވެ.
ވެރިކަމަށް ވަޑައިގަންނަވާތާ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި މި ހަނގުރާމަ ނިމުމަކަށް ގެންނަވާނެކަމަށް ޓްރަމްޕް ވަނީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.
ނަމަވެސް، އެކަން ހާޞިލްނުވެ ދިގުލައިގެން ދިޔުމުގެ ސަބަބުން، ޓްރަމްޕް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެކި ފަހަރު މަތިން ރަޝިޔާގެ އިތުރުން ޔޫކްރޭނަށް ވެސް އިންޒާރުތައް ދެއްވައިފައެވެ.