ENGLISH

02 ޖުލައި 2025

Advertisement

އީރާނުގެ މައި ބަނދަރެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 25 މީހަކު މަރުވެއްޖެ

27 އޭޕްރީލު 2025

|

ހަސަން އާމިރު

އީރާނުގެ މައި ބަނދަރެއްގައި ބާރުގަދަ ގޮވުމެއް ގޮވައި، މިހާތަނަށް 25 މީހަކު މަރުވެފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

އީރާނުގެ ވިޔަފާރީގެ ބަނދަރުތަކުގެ ތެރެއިން ބަންދަރު އައްބާސްގައި ހުންނަ މައި އެއް ބަނދަރު ކަމަށްވާ، ޝާހިދު ރަޖައީގައި ހިނގި މި ހާދިސާގައި 800 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އިތުރު ހަ މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުންޏެވެ.

އެ ބާރުގަދަ ގޮވުމުގައި، އެ ބަނދަރާ 50 ކިލޯމީޓަރު ދުރުގައި ހުރި ބައެއް އިމާރާތްތަކުގެ ބިއްލޫރިގަނޑުތައް ތަޅައިގެން ގޮސްފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

އީރާނުގެ ކްރައިސިސް މެނޭޖްމަންޓް އިދާރާއިން ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ޝާހިދު ރަޖައީގައި ހުރި ކޮންޓެެއިނަރުތަކުގައި ހުރި ކެމިކަލް, ފަރުވާކުޑަކޮށް ރައްކާކޮށްފައި ހުރުމުގެ ސަބަބުންނެވެ.

އެ ކެމިކަލްތަކާއި ތެލަކީ، އީރާނުގައި ބެލިސްޓިކް މިސައިލް އުފެއްދުމަށް ގެނެސްފައިވާ ތަކެތި ރައްކާކޮށްފައި ހުރި ކޮންޓެއިނަރުތަކެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެ ބާރުގަދަ ގޮވުން ގޮވާފައިވަނީ، އެތަނުގައި ހުރި އެއް ކޮންޓެއިނަރެއްގައި އަލިފާން ރޯވެގެން ކަމަށް ބެލެވޭ ކަމަށް ވެސް އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

އެތަނުގައި އަލިފާން ނިއްވާލުމުގެ މަސައްކަތްތައް ކުރިއަށްދާއިރު އެ ސަރަޙައްދުގައި ހުރި މުދާ އުފުލާ އުޅަނދުތައް އެހެެން ސަރަޙައްދުތަކަށް ދަނީ ގެންދަމުންނެވެ. މި ހާދިސާ ހިނގި ސަރަޙައްދުގައި ނުރައްކާތެރި މުދަލާއި ކެމިކަލް ހުރި ކަމަށް ބެލެވޭ ކަމަށް އަލިފާން ނިއްވުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންދާ ޚިދުމަތްތެރިން ބުނެއެވެ. ނަމަވެސް މި ހާދިސާގައި ތެޔޮ މަރުކަޒުތަކަށް އަސަރުކޮށްފައި ނުވާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު